ޕާސްޕޯޓު ހެއްދުމަށްފަހު، ނުނަގާ، ގިނަ ދުވަސް ވެފައިވާ ޕާސްޕޯޓުތައް މި އަހަރުގެ ޑިސެމްބަރު 31 ވަނަ ދުވަހުގެ ފަހުން ކެންސަލް ކުރާނެކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.
ޕާސްޕޯޓު ހެއްދުމަށްފަހު، ވެރިފަރާތުން ޕާސްޕޯޓާ ހަވާލުނުވެ ގިނަދުވަސް ވަމުންދާކަން ފާހަގަކޮށް އިމިގްރޭޝަނުން ބުނީ ޕާސްޕޯޓު ހެއްދުމަށްފަހު ޕާސްޕޯޓާ ހަވާލުނުވެ، 6 މަސް ދުވަހަށް ވުރެ ގިނަދުވަސް ވެފައިވާ ފަރާތްތަކުން މިއަހަރުގެ ޑިސެމްބަރު 31 ވަނަ ދުވަހުގެ ކުރިން، ޕާސްޕޯޓާ ހަވާލުވުމަށް އެދޭކަމަށެވެ. އަދި އެމުއްދަތުގެ ނިޔަލަށް، ޕާސްޕޯޓާއި ހަވާލުނުވާ ފަރާތްތަކުގެ ޕާސްޕޯޓުތައް، ޕާސްޕޯޓާ ބެހޭ ގަވައިދުގެ 19ވަނަ މާއްދާގައި ވާގޮތުގެ މަތިން ކެންސަލް ކުރެވޭނެ ކަމަށް އިމިގްރޭޝަނުން ވަނީ ބުެނފައެވެ.
ދިވެހި ޕާސްޕޯޓާއި ބެހޭ ގަވާއިދުގައިވާ ގޮތުން ޕާސްޕޯޓު ހެއްދުމަށްފަހު، ނުނަގައި 6 މަހަށްވުރެ ގިނަ ދުވަސްވެފައިވާ ޕާސްޕޯޓުތައް ކޮންޓްރޯލާ ޖެނަރަލް އޮފް އިމިގްރޭޝަން ކަނޑައަޅާ މުއްދަތަކަށްފަހު ބާތިލު ކުރެވެނެއެވެ.
ޕާސްޕޯޓު ކެންސަލް ކުރެވޭނެ މުއްދަތާއި، އެކަށީގެންވާ ސަބަބައެއް ނުވަތަ ސަބަބުތަކަކަށް ބިނާކޮށް ޕާސްޕޯޓު ކެންސަލް ކުރުމުގެ އިހްތިޔާރު ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަނަށް ލިބިގެންވެއެވެ. މީގެ އިތުރުން ޕާސްޕޯޓު ކެންސަލް ކުރެވިފައިވާ މުއްދަތު ހަމަވުމުން ޕާސްޕޯޓަށް އެދި ހުށަހެޅުމުން ޕާސްޕޯޓު ހަދައިދެވޭނެއެވެ.