ގަވައިދާއި ހިލާފަށް ފްލްޓް ލިސްޓަށް އެއްވެސް މީހަކު އިތުރު ނުކުރާ ކަމަށާއި އަދި އެއްވެސް ބަޔަަކަށް އެ ފުރުސަތު ނޯންނާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު ވިދާޅުވެއްޖެއެވެ.
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ 4،000 ފުލެޓުގެ ތެރެއިން 350 އެއްހާ ފުލެޓު، ހައުސިން މިނިސްޓްރީގެ މުވައްޒަފުންތަކެއް ކަމަށް ބުނާ ބަޔަކު ވިއްކަން އުޅޭ ކަމަށް ފަހި ޔޫނިއަނުން ތުހުމަތުކޮށްފައި ވާއިރު، މިނިސްޓަރު ވަނީ މި ތުހުމަތުތައް ދޮގުކުރައްވާފައެވެ.
އެގޮތުން މިިނިސްޓަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ނޮވެންބަރު 15، 2023 ގައި އިއުލާން ކުރެވުނު ލިސްޓަކީ ފައިނަލް ލިސްޓުކަމަށެވެ. އަދި ގެދޮރުވެރިޔާ ސްކީމްގެ ދަށުން އަމަލުކުރެވޭނީ އެ ލިސްޓާ އެކު ކުރެވުނު އިއުލާނުގައި ވާ ގޮތަށްކަން މިނިސްޓްރު ވަނީ ހާމަކުރައްވާފައެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ މި ލިސްޓުން އުނިވާނީ ޝަރުތު ހަމަނުވާކަން ޔަގީން ކުރެވޭ ފަރާތްތައް އެކަނިކަމަށާއި ގެޒެޓުގައިވާ ލިސްޓާއި އިއުލާނާ ހިލާފަށް ފަހުން ލިސްޓަށް އެއްވެސް ފަރާތެއް އިތުރުކުރެވިފައި ނުވާނެކަމަށެވެ. އަދި ލިސްޓަކަށް އާ ބަޔަކު އިތުރު ކުރުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ނޯންނާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ދިޔަ ބުރާސްފަތި ދުވަހު ފަހި ޔޫނިއަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޔޫނިއަންގެ ފަރާތުން ގާނޫނީ ވަކީލު އަލީ ހުސައިން ވަނީ، ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ 4،000 ފުލެޓުގެ ތެރެއިން 350 ފުލެޓު ވިއްކާލަން މަސައްކަތް ކުރަމުން އަންނަކަމަށް ތުހުމަތުކޮށްފައެވެ.