ލިލީ އެންޓަޕްރައިޒަސްގެ ބާޒާރުމަތީ ފިހާރައިގައި ރޭ އަލިފާނުގެ ހާދިސާއެއް ހިނގައި، ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.
އެމްއެންޑީއެފުން ބުނީ، ބީއެޗްއެމްގެ ކުރިމަތީ ހުންނަ "ލިލީ އެފްއެންބީ ސަޕްލައި ބާޒާރު 1"ގައި އަލިފާން ރޯވިކަމުގެ މައުލޫމާތު ލިބުނީ ރޭ ދަންވަރު 01:00 އެހާކަންހާއިރު ކަމަށެވެ. އެ ހާދިސާގެ މައުލޫމާތު ލިބުމާއެކު، ފަޔާ އެންޑް ރެސްކިއުއިން އެ ސަރަހައްދަށް ގޮސް ކުރި މަސައްކަތުން އަލިފާން ނިއްވާލެވުނީ ރޭ 02:39 ހާއިރު ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.
މި ހާދިސާގައި އަލިފާން ނިއްވުމުގެ މަސައްކަތުގައި އުޅުނު ފަޔާފައިޓަރަކު ހާލުދެރަވެގެން ސެނަހިޔަ މިލިޓަރީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފައިވާކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.
އިތުރަށް އެމްއެންޑީއެފް އިން ބުނީ މީގެ އިތުރުން އެއްވެސް މީހަކަށް އަނިޔާވިކަމުގެ މައުލޫމާތު ލިބިފައެއް ނުވާކަމަށާއި ނަމަވެސް އަލިފާން ރޯވިތަނުގައި ހުރި ގިނަ އަދަދެއްގެ މުދަލަށް ގެއްލުންވެ ތަނުގެ ފުރާޅުން ބައެއް ވެއްޓިފައިވާކަމަށެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ސާފުވެފައެއް ނުވެއެވެ.