މާލޭގައި ބޮޑު ރެއިޑެއް ހިންގާ، ގަވައިދާ ހިލާފަށް އުޅެމުންދިޔަ 81 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިމިގްރޭޝަނުން ބުނީ، މި ރެއިޑޫ ކުރިއަށް ގެންދިޔައީ ހަވީރު 4:00 އިން 6:00 އަށް ދެ ގަޑީރުގެ ނިޔަލަށް ކަމަށެވެ.

ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް، ސައްހަ ވިސާއެއް ނެތި އުޅެމުން އަންނަ ބިދޭސީންނަށް އަމާޒުކޮށް ކުރިއަށް ގެންދިޔަ މި ބޮޑު ރެއިޑް އޮޕަރޭޝަނުގައި ޓާސްކް ފޯސްއިން ވަނީ 463 ތަނެއް ބަލައި ފާސްކޮށް، ޖުމްލަ 932 ބިދޭސީން ޗެކުކޮށްފައެވެ.

އަދި އޭގެ ތެރެއިން ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 81 މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އެ އިދާރާއިން މައުލޫމާތު ދެއެވެ. އަދި ގަވާއިދާ ހިލާފަށް ބިދޭސީން ވިޔަފާރީގައި ހަރަކާތްތެރިވަމުން ދިއަކަމަށް ފާހަގަކުރެވުނު 10 ތަނެއްގެ މައުލޫމާތު ކަމާ ބެހޭ އިދާރާތަކާއި ހިއްސާކުރެވިފައިވާ ކަމަށް ވެސް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

ގަވާއިދާ ހިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ހުއްޓުވުމަށް އެކިކަންކޮޅުތަކުގައި އޮޕަރޭޝަނެއް ފެށީ މިދިޔަ އާދިއްތަ ދުވަހުއެވެ. މި އޮޕަރޭޝަންގައި ގަވާއިދާ ހިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ހުއްޓުވައި، އެ ތަންތަން ބަންދު ކުރުމުގެ އިތުރުން އެފަދަ ބިދޭސީން ވަގުތުން ޑީޕޯޓޫ ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އިމިގްރޭޝަން ރެއިޑް އޮޕަރޭޝަންގެ ތެރެއިން

މި އޮޕަރޭޝަނުގައި 160 އިމިގްރޭޝަން އޮފިސަރުންނާއި 65 ފުލުހުން އަދި އެހެނިހެން ކަމާގުޅުންހުރި އިދާރާތަކުން ވަނީ ބައިވެރިވެފައެވެ.

ބިދޭސީންގެ މައްސަލައަކީ ގިނަދުވަސްވެފައިވާ މައްސަލައެއް ނަމަވެސް، އެކަމަށް ހައްލެއް ހޯދުމަށް މީގެ ކުރިން މާ ބޮޑެތި މަސައްކަތްތަކެއް ކޮށްފައި ނުވާ ނަމަވެސް މި ސަރުކާރުން މިހާތަނަށް، ބިދޭސީންގެ ތެރެއިން 178،982 މީހެއްގެ މައުލޫމާތު ހޯދައި، ގަވާއިދާ ހިލާފަށް އުޅޭ މީހުންގެ ތެރެއިން ގިނަބަޔަކު ދެނެގަނެ، އެފަދަ 8000 އަށް ވުރެ ގިނަ މީހުން ވަނީ ޑީޕޯޓުކޮށްފައެވެ.