ބޭންކް އޮފް މޯލްޑިވްސް އިން "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއުގެ ދަށުން މިއަދު ތ. ބުރުނީގައި އޭޓީއެމްގެ ހިދުމަތް ފަށައިފިއެވެ.
ބީއެމްއެލް އިން ބުނީ، މި ހަފްތާ ތެރޭގައި ތ. އަތޮޅުގެ އިތުރު 8 ރަށެއްގައި އޭޓީއެމްގެ ހިދުމަތް ގާއިމުކޮށް، މުޅި އަތޮޅަށް ބީއެމްއެލް އޭޓީއެމްގެ ހިދުމަތް ފުޅާ ކުރާނެ ކަމަށެވެ.
އޭޓީއެމް ހިދުމަތް ތައާރަފްކުރުމަށް މިއަދު ތ. ބުރުނީގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއި ވަޒީރުންނާއި ބީއެމްއެލްގެ ޗެއާޕާސަން އަހްމަދު އަލީ ހަބީބާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފާއި ބީއެމްއެލްގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
ބީއެމްއެލްގެ ސީއީއޯ ޝަރީފް ވިދާޅުވީ، ބުރުނީގައި ބީއެމްއެލް އިން ކޮށްފައިވާ މި އިންވެސްޓްމެންޓުން ހާމަވެގެން ދަނީ ރާއްޖޭގެ މުޖުތަމައުތަކަށް ފަސޭހައިން ވާސިލު ވެވޭނެ ބޭންކިން ހިދުމަތެއް ގާއިމު ކުރުމަށް މި ކުންފުނިން ދޭ އަހުމިއްޔަތުކަން ކަމަށެވެ. ޒަމާނީ އޭޓީއެމްތައް ތައާރަފް ކުރުމާއެކު އާންމު ފަރުދުންނާއި ވިޔަފާރިތަކަށް ވެސް ފަސޭހަކަމާއެކު ކޮންމެ ވަގުތަކު ވެސް، ރަށުގައި ތިބެގެން ބޭންކިން ހިދުމަތް ލިބޭނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާ އެކު 20 އަތޮޅުގައި 42 ބްރާންޗާއި، 171 ސެލްފް ސާވިސް ބޭންކިން ސެންޓަރާއި، 229 އޭޓީއެމްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.