ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު، ޑިޖިޓަލް ޓްރާންސްފޮމޭޝަން ކައުންސިލް އުފައްދަވައިފިއެވެ.

ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު، މި ކައުންސިލް އުފައްދަވާފައިވަނީ، "މޯލްޑިވްސް 2.0- ޑިޖިޓަލް-ފަސްޓް ނޭޝަން" ތަސައްވުރު ގާއިމުކުރުމާއި ގުޅޭގޮތުން ތައްޔާރުކޮށްފައިވާ މަގުޗާޓުގައިވާ ކަންކަން ތަންފީޒުކުރުމުގެ މަސައްކަތްތައް ފަހިކޮށް، ލަފާދިނުމާއި، އެ މަސައްކަތްތައް ބެލެހެއްޓެވުމުގެ މަގްސަދުގައިކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ. މި ކައުންސިލުގެ ރިޔާސަތު ބަލަހައްޓަވާނީ ރައީސުލްޖުމްހޫރިއްޔާއެވެ.

މޯލްޑިވްސް 2.0 އަކީ، ޑިޖިޓަލް ދާއިރާއިން، ދިވެހިރާއްޖެއަށް އިންގިލާބީ އަދި އިސްލާހީ ބަދަލުތަކެއް ގެނައުމުގެ މަގްސަދުގައި، ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ އިސްނެންގެވުމުގެ މަތިން ކުރިއަށްގެންދާ ޕުރޮގުރާމެކެވެ.

މި ބަދަލުތަކުގެ ތެރެއިން ދައުލަތުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކަކީ ދެފުށްފެންނަ، ހަލުވި އަދި ރައްކާތެރި ހިދުމަތްތަކަކަށް ހަދައި، ދައުލަތުގެ ހިދުމަތްތަކާއި މުއައްސަސާތަކުގެ އިދާރީ ހިންގުން އިތުރަށް ހަރުދަނާ ކުރެވިގެންދާނެއެވެ.

މި އަހަރުގެ މެއި މަހުގެ ތެރޭގައި "މޯލްޑިވްސް 2.0" ނަމުގައި ހާއްސަ ސަމިޓެއް ބާއްވާފައިވާއިރު، މި ސަމިޓުގައި މޯލްޑިވްސް 2.0 ގައި ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ، ސައިބަރސެކިއުރިޓީ ހަރުދަނާކުރުމާއި، ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭ ޑިޖިޓަލް އައިޑީގެ ޒަރީއާއިން އިތުބާރާއެކު ބަރޯސާވެވޭ ޑިޖިޓަލް މުއާމަލާތްތަކަށް މަގުފަހިކުރުމާއި، ދައުލަތުގެ މުއައްސަސާތަކުގެ މެދުގައި ޒާތީ މައޫލޫމާތާއި ޑޭޓާ، ރައްކާތެރި ކަމާއެކު އެއް މުއައްސަސާއިން އަނެއް މުއައްސަސާއަށް، ވަގުތުން ވަގުތަށް ފޮނުވޭނެ، ޑޭޓާ އެކްސްޗޭންޖް ލޭޔަރެއް ގާއިމުކުރުމުގެ މަސައްކަތްވަނީ ކޮށްފައެވެ.