ކުރިއަށް އޮތީ ގެދޮރުވެރިކަމުގެ ދާއިރާއިން މ. ދިއްގަރުގެ ތަރައްގީއަށް، އަދި އާބާދީ އެއްފަސްކުރުމަށްވެސް މުހިންމު ދުވަސްތަކެއްކަމުގައި ގަބޫލުފުޅު ކުރައްވާކަމުގައި ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދިއްގަރަށް މިއަދު ހެނދުނު ވަޑައިގެން، ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ދިއްގަރަށް ދިމާވެފައިވާ ގެދޮރުގެ ދަތިކަމުގެ މައްސަލަ ހައްލުކުރުމަށްޓަކައި ހިންގޭ ހައުސިންގް މަޝްރޫޢުތަކުގެ ތެރެއިން ފުރަތަމަ މަޝްރޫއުގެ ގޮތުގައި، 75 ހައުސިން ޔުނިޓް އެޅުމުގެ އަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށިގެންދާނެ ކަމަށެވެ. މި މަޝްރޫއު ނިމުމުގެ ކުރިން، އިތުރު 75 ޔުނިޓް އެޅުމުގެ މަސައްކަތް ފެށުމަށް ގަސްތުކުރައްވާނެ ކަމަށާ، އަދި އެކަމަށް ވާންޖެހޭ ތައްޔާރީތަކުގެ މަސައްކަތްތައް، ކަމާ ގުޅުންހުރި ފަރާތްތަކުން މިހާރުވެސް ކުރައްވަމުން ގެންދަވާ ކަމުގައި ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ދިއްގަރު ބަނދަރުގެ މައްސަލައަށްވެސް ރައީސްގެ ވާހަކަފުޅުގައި ވަނީ އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ޖާގައިގެ ގޮތުންނާއި، މަރާމާތުގެ ގޮތުން ބަނދަރު އަޕްގްރޭޑް ކުރަންޖެހިފައި އޮތްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ކުރިއަށް އޮތް 2026 ވަނަ އަހަރުގެ ކުރީކޮޅު، ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން މިމަޝްރޫއު ހިންގަވައިދެއްވާނެ ކަމުގައި ވިދާޅުވެފައެވެ. ހަމަމިއާއެކު، ދިއްގަރު ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލު ހޯއްދަވައިދެއްވުމުގެ ގޮތުން، މަލްޓިޕާޕަސްހޯލަކާއެކު 9 ކުލާސްރޫމް ހިމެނޭހެން އިތުރު އިމާރާތެއް ތަރައްގީކުރުމުގެ މަސައްކަތް، 2026 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން ކުރިއަށް ގެންގޮސްދެއްވާނެކަމުގައިވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
ދިއްގަރަކީ މަސްވެރި ރަށެއްގެ ގޮތުގައި ސިފަކުރައްވަމުން ރައީސް ވަނީ، މުޅި ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ގެންނަ ކުރިއެރުންތަކުގެ ސަބަބުން، ރަށުގެ މަސްވެރިންނަށްވެސް ކުރިއެރުންތަކެއް ލިބިގެންދާނެކަން ފާހަގަކުރައްވާފައެވެ. ބައެއް ކަންކަމަކީ، ކުއްލިއަކަށް ކުރެވޭނެ ކަންކަމެއް ނޫން ކަމަށާ، އެއީ އެއްވެސް ހާލެއްގައި ވައުދު ނުފުއްދެވުމެއް ނޫންކަމުގައި ރައީސް ވިދާޅުވިއެވެ.
ތައުލީމީ ދާއިރާ، ސިއްހީ ދާއިރާ، ކުޅިވަރުގެ ދާއިރާ، އުމްރާނީ ވަސީލަތްތަކުގެ ދާއިރާ، ގެދޮރުވެރިކަމުގެ ދާއިރާ ހިމެނޭހެން، މިފަދަ ހުރިހާ ދާއިރާއަކުން، ކުރިއަށް އޮތް ދުވަސްތަކުގައި ފެނިގެންދާނީ އަމަލީ ގޮތުން ވަރަށް ގިނަ ކަންތައްތައް ހިނގާ، އަދި ނިމެމުންދާ މަންޒަރުކަމުގެ ޔަގީންކަން، ރައީސް ވަނީ ދެއްވާފައެވެ.