މި ސަރުކާރުން ވެރިކަމާ ހަވާލުވެވަޑައިގަތްއިރު، މަސްވެރިކަމުގެ ސިނާއަތް އޮތީ ވަރަށް ބޮޑަށް ވަޅުޖެހިފައި ކަމަށާއި، އެހެންނަމަވެސް އެ ސިނާއަތް ނަގާ ކޮޅަށްޖެހުމަށް މި ސަރުކާރުން އިސްކަންދެއްވާކަމުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މުލަކު ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ވަނީ މުލަކަތޮޅު މުލަކުގައި ވަށާޖެހޭ ގޮތެއްގައި މަސްވެރިކަން ފުޅާކުރުމަށް ފައްޓަވާފައިވާ އަދި ހިންގެވުމަށް ރާއްވަވާފައިވާ މަސައްކަތްތަކުގެ އަދާހަމަ،ރައްޔިތުންނާ ހިއްސާ ކުރައްވާފައެވެ.
އެގޮތުން، ރޭ ސޮއިކުރި، 30 ޓަނުގެ އައިސްޕްލާންޓެއް ތަރައްގީކުރުމުގެ މަޝްރޫއުގެ އިތުރުން، މިހާރު ކުރިއަށްދާ ކޯލްޑް ސްޓޯރޭޖް ގާއިމުކުރުމުގެ މަޝްރޫއާއި، ޖަނަވަރީ މަހު އެ ރަށުގައި ފެށުމަށް ހަމަޖެހިފައިވާ ފިއުލް ސްކިޑްގެ މަސައްކަތާއެކު ރަށުގެ މަސްވެރިކަމަށް ކުރިއެރުން ލިބިގެންދާނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މި ސަރުކާރުން މަސްވެރިންނަށް ދޭންޖެހޭ ފައިސާ ދިނުމުގެ ދެމެހެއްޓެނިވި ނިޒާމެއް ކަނޑައަޅުއްވައި، ބިނާރާއި ވަސީލަތްތައް ގާއިމުކުރައްވައިގެން، އެ ސިނާއަތް ނަގާ ކޮޅަށްޖެހުމަށް މަސައްކަތްކުރަމުން އަންނަކަމަށް ރައީސް ވިދާޅުވިއެވެ.
ރަށުގެ ތަރައްގީއަށް ތާވަލުކުރެވިފައިވާ އެހެނިހެން މަސައްކަތްތަކަށް އިޝާރާތްކުރައްވަމުން، މި އަހަރު ތެރޭ، 50 ހައުސިން ޔުނިޓުގެ އަމަލީ މަސައްކަތް ފައްޓަވާނޭކަން، އެމަނިކުފާނު އިއުލާންކުރެއްވިއެވެ. އަދި ބާރު ދުވެލީގައި ބަނދަރުގެ މަސައްކަތް ނިންމައި، ރަށްގިރުމުގެ މައްސަލައަށް ވެސް ހައްލު ހޯއްދަވައިދެއްވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިއަދު އަމަލީ މަސައްކަތް ފެށުމަށް ނިންމަވާފައިވާ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަސައްކަތަށް އިޝާރާތްކުރައްވަމުން، އެއީ ސަރަހައްދީ ފެންވަރެއްގައި ލުއިފަސޭހަތަކެއް ލިބިގެންދާނޭ މަސައްކަތެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މަގުހެދުމުގެ މަޝްރޫއާއި ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރުގެ މަޝްރޫއު، ގިނަވެގެން 4 މަސްދުވަހުގެ ތެރޭގައި ނިމޭނޭކަމުގެ ޔަގީންކަންވެސް އެމަނިކުފާނު ދެއްވިއެވެ. އަންނަ އަހަރުގެ މާރިޗުގެ ކުރިން ރަށުގެ އިރުމަތީ ޖެޓީގެ އަމަލީ މަސައްކަތް ފައްޓަވައި، ދިރާސީ އާ އަހަރަށް ސްކޫލްގެ މަސައްކަތްވެސް ފުރިހަމަ ކޮށްދެއްވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން ރައީސް ވިދާޅުވީ ފުލުހުންނަށް ވެހިކަލެއް ނުލިބި 14 ވަރަކަށް އަހަރު ވެފައިވާ މައްސަލައަށް އަންނަ އޮކްޓޯބަރު މަހު، ނިމުމެއް ގެނެސްދެއްވާނޭކަމަށެވެ.