2026 ވަނަ އަހަރުގެ ބަޖެޓުގެ ބޮޑު އިންސައްތައެއް އެކަށައަޅުއްވާނީ ޑިޖިޓަލައިޒްކުރުމުގެ މަސައްކަތްތަކަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުލަކަތޮޅު މުލަކު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ސަރުކާރުން ހުށަހަޅުއްވަނީ، 2026 ވަނަ އަހަރާއި 2027 ވަނަ އަހަރާއި 2028 ވަނަ އަހަރުގެ ދެތިން މަސް ހިމެނޭ ގޮތަށް، މުޅި ރާއްޖޭގެ ހުރިހާ ހިދުމަތްތަކެއް ޑިޖިޓަލައިޒްކޮށް ނިންމުމަށް ކަމަށެވެ. މިއީ ސަރުކާރާއި އަމިއްލަ ފަރާތްތަކުން ގުޅިގެން، ބައިވެރިވެގެން ކުރަންޖެހޭ ބޮޑު މަސައްކަތެއްކަން ފާހަގަކުރައްވަމުން އެ މަނިކުފާނު ވިދާޅުވީ ތަރައްގީގެ ވާހަކަތައް ކުރިއަށް ދާންޖެހޭނީ ދެފުށްފެންނަ ގޮތަކަށް، ރައްޔިތުންގެ ބައިވެރިވުމާއެކުގައި ކަމަށެވެ. 20 އަހަރުގެ ތަރައްގީގެ މާސްޓާ ޕްލޭން އެކުލަވާލެއްވުމުގައިވެސް، ސީދާގޮތުންނާއި، ރައްޔިތުންގެ މަންދޫބުން މެދުވެރިކޮށް، ރައްޔިތުން ޝާމިލުކުރައްވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި ޕްލޭންގައި އެކުލެވެނީ ރައްޔިތުން ބޭނުންވާ ތަރައްގީކަން ކަށަވަރުކުރެއްވުމަށް، ޓީމްތައް ރަށްރަށަށް ގޮސް، ހިޔާލާއި މަޝްވަރާ ހޯއްދަވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި ޕްލޭން އެކުލަވާލުމުގެ މައިގަނޑު މަގްސަދަކީވެސް، އަންނަ ކޮންމެ ސިޔާސީ ބަދަލަކާ ގުޅިގެން ތަރައްގީ އެކޮޅުކޮޅުން ޖެހުނަ ނުދިނުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިކަން ކަށަވަރުކުރެއްވުމަށް، 20 އަހަރުގެ ތަރައްގީގެ މާސްޓާ ޕްލޭނާ ގުޅޭ ގާނޫނެއްވެސް އެކުލަވާލައްވަމުން ގެންދަވާކަން އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ މި ސަރުކާރުގެ އަމާޒަކީ، ވަށާޖެހޭ ތަރައްގީ އާއި ހަމަޖެހުން، ދިވެހިރާއްޖޭގައި ގާއިމުކުރެއްވުންކަމަށެވެ.