ފެލިދެއޮތޮޅު ފެލިދޫގައި އައިޑީ ކާޑުގެ ހިދުމަތް ގާއިމުވެގެންދިއުމާއެކު، ހުރިހާ އަތޮޅެއްގައި އެ ހިދުމަތް ގާއިމުކުރެވިގެންދިއައީ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ފެލިދެއަތޮޅު ފެލިދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
ރޭގެ ޖަލްސާގައި ފެލިދޫގައި ވަނީ އައިޑީ ކާޑާއި ޕާސްޕޯޓުގެ ހިދުމަތް ރަސްމީގޮތުން އިފްތިތާހުކުރައްވާފައެވެ. މިއާއެކު، ކަނޑައަޅުއްވާފައިވާ އަމާޒާ އެއްގޮތަށް، މިއަހަރު ނިމުމުގެ ކުރިން ދިވެހިރާއްޖޭގެ ކޮންމެ އަތޮޅެއްގައިވެސް އައިޑީ ކާޑުގެ ހިދުމަތް ގާއިމުވެގެންދިއައީ ކަމަށް ރައީސް ވިދާޅުވިއެވެ. މިފަދަ ހިދުމަތްތައް ލާމަރުކަޒުކުރެއްވުމުގެ މަގސަދަށް އަލިއަޅުއްވާލައްވަމުން އެމަނިކުފާނު ވިދާޅުވީ، މި ސަރުކާރުގެ މަގްސަދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ރައްޔިތުން އަސާސީ ހިދުމަތްތަކަށް މާލެއަށް ބަރޯސާވާން ޖެހޭ ޖެހުން ނިމުމަކަށް ގެނައުން ކަމުގައެވެ.
ރަށްރަށުގައި އޭޓީއެމް ގާއިމުކުރުމުގެ މަސައްކަތާ ގުޅުވައިގެން އެމަނިކުފާނަށް މަލާމާތް ރައްދުވަމުންދާކަން އެނގިވަޑައިގަންނަވާކަން ހާމަކުރައްވަމުން ރައީސް ވިދާޅުވީ އެފަދަ އަސާސީ ހިދުމަތްތައް މަރުކަޒުވެފައި ހުރުމުން ރައްޔިތުން އުފުލަންޖެހުނު ތަކުލީފާއި، އެ ހިދުމަތްތައް ލާމަރުކަޒުކުރުމުން ލިބޭ ލުއިފަސޭހަކަން އެނގިވަޑައިގަންނަވާކަމުގައެވެ. އެހެންކަމުން، އެފަދަ ހިދުމަތްތައް ފޯރުކޮށްދެއްވުމަކީ ލިބިވަޑައިގަންނަވާ ފަހުރެއް ކަމުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.
ރައްޔިތުންގެ ލުއިފަސޭހައަށް ކުރާ ކަންކަމުގެ މަންފާ ރައްޔިތުންނަށް ލިބުނަ ނުދޭން، ސިޔާސީ ބޭނުމެއްގައި، ރާވައިގެން، ގަސްދުގައި ރައްޔިތުންނަށް ދެރަ ދިނުމަށް ކުރާ ކަންކަން ކާމިޔާބުވިޔަ ނުދެއްވާނޭކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެފަދަ ކަންކަން ހުއްޓުވުމަށް ސަރުކާރުން އަޅުއްވާފައިވާ ކާމިޔާބު ފިޔަވަޅުތައް އެމަނިކުފާނު ތަފްސީލުކޮށްދެއްވިއެވެ. އަދި ގަސްދުގައި ރައްޔިތުންނަށް ދެރަ ދިނުމަށް ކަންކަން ކުރަމުންދާއިރު، މި ސަރުކާރުން ލޯމަރައިގެން ނުތިބޭނޭ ކަމަށާއި، ސިޔާސީ ބޭނުމެއްގައި ތަކެތީގެ އަގުބޮޑުކުރުމަށް ދެން ފުރުސަތު ނުދެއްވާނޭކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ފެލިދޫގެ ތަރައްގީއަށްޓަކައި ރާއްވަވާފައިވާ މަސައްކަތްތަކުގެ މައްޗަށްވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ. އެގޮތުން، މިއަދު އަމަލީ މަސައްކަތް ފަށާ ހޮސްޕިޓާ ނިމިގެންދާނީ، 30 އެނދުގެ، ޒަމާނީ ހޮސްޕިޓަލެއްގެ ގޮތުގައި ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އެ ރަށުގައި ހަދާ ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރު ތަރައްގީކުރައްވާނީ އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްއެއްގެ ގޮތުގައި ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އިތުރު ވަސީލަތްތަކާއެކު، ސްކޫލް އިމާރާތުގެ މަސައްކަތްވެސް މި އަހަރު ފައްޓަވާނޭކަމުގައި ރައީސް ވިދާޅުވިއެވެ. އަދި އަންނަ އަހަރު، އެ ރަށުގައި 12 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫއެއް ކުރިއަށްގެންދަވާނޭ ކަމަށާއި، ރާއްޖޭގެ ސީ-އެމްބިއުލާންސް ފްލީޓަށް އުޅަނދުތައް އިތުރުކުރައްވައި، ފެލިދެއަތޮޅުގައިވެސް އެ ހިދުމަތް ގާއިމުކުރައްވާނޭކަން ރައީސް ވަނީ ހާމަކުރައްވާފައެވެ.