އިޒްރޭލުން ގާޒާއަށް އެއްގަމުމަގުން ދޭ ހަމަލާތައް އިތުރަށް ވަރުގަދަކުރުން ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

މިކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިޒްރޭލުގެ އިސްތިއުމާރީ ބާރުތަކުގެ މިފަދަ އަމަލުތަކުގެ ސަބަބުން ގާޒާގައި ހިނގަމުންދާ ހަނގުރާމަ އިތުރަށް ހޫނުވެ މިހާރުވެސް ގާޒާއަށް ކުރިމަތިވެފައިވާ އިންސާނީކާރިސާ އިތުރަށް ގޯސްވާނެ ކަމަށާއި، މިކަން ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމަށެވެ.

އިޒްރޭލުން ކެނޑިނޭޅި ގާޒާގެ ކުށެއްނެތް ރައްޔިތުންނަށް ކުރިމަތިކުރުވާ ދަތިތަކާއި ވޭންދެނިވި އަނިޔާ އިތުރަށް ފުޅާވިޔަނުދީ ހުއްޓުވުމަށް ބައިނަލްއަގުވާމީ މުޖުތަމައުން އިޒްރޭލަށް މަޖުބޫރު ކުރުމަށާއި، ގައުމުތަކުން އެކުވެ އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ދިވެހި ސަރުކާރުން ވަނީ ގޮވާލާފައެވެ. އަދި ބައިނަލްއަގުމީ ގާނޫނުތަކުގެ އަސާސީ އުސޫލުތަކާ ހިލާފަށް އިޒްރޭލުން ކެނޑިނޭޅި ހިންގަމުންދާ ލާއިންސާނީ އަމަލުތަކަކީ އަޅާނުލާ ދޫކޮށްލެވިގެން ވާނެފަދަ އަމަލުތަކެއް ނޫންކަމަށްވެސް ދިވެހި ސަރުކާރުން ވަނީ ބުނެފައެވެ.

އިތުރަށް ދިވެހި ސަރުކާރުން ވަނީ ފަލަސްތީނުގެ ރައްޔިތުން މިނިވަން، މުސްތަގިއްލު ދައުލަތެއް އުފެއްދުމަށް ކުރަމުންދާ މަސައްކަތްތަކަށް ދިވެހިރާއްޖޭން އަބަދުވެސް ތާއީދު ކުރާނެކަމުގެ ޔަގީންކަން ދީފައެވެ. މި ހަމަނުޖެހުމަށް ދެމެހެއްޓެނިވި އަދި ސުލްޙަވެރި ހައްލެއް ލިބޭނީ 1967 ގެ ކުރީގެ ސަރަހައްދުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، މިނިވަން އަދި މުސްތަގިއްލު ފަލަސްތީނު ދައުލަތެއް ގާއިމު ކުރެވިގެންކަމުގައިވެސް ދިވެހި ސަރުކާރުން ވަނީ ބުނެފައެވެ.

ފާހަގަކުރެވޭ ގޮތުގައި ފަލަސްތީނުގެ ގާޒާގެ ރައްޔިތުން ނައްތާލުމަށް ޔަހޫދީން ހިންގަމުންދާ ގަތުލުއާންމުގެ ދަށުން ކޮންމެ ދުވަހަކު އެވުރެޖުކޮށް 28 ކުޑަކުދިން ޝަހީދު ކުރަމުންދާ ކަމަށް އދ އިން ވަނީ ބުނެފައެވެ. މި ހަމަލާތައް ފަށާފައިވަނީ އޮކްޓޯބަރު 7، 2023ގައެވެ.