ރާއްޖެ އަށް ބޭސް އެތެރެކުރުމުގެ މަސައްކަތަށް ސަރުކާރުން އުފެއްދި ހާއްސަ ކުންފުނިކަމުގައިވާ ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރަކަށް ވ. ފަޝާމަންޒިލް، ޑރ. ޝާހު މާހިރު އައްޔަން ކޮށްފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑް (ޕީސީބީ) އިން ބުނީ ބޭސް ކުންފުނީގެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް ޝާހު އަދި ބޯޑު މެމްބަރުންގެ ގޮތުގައި އިތުރު ދެ ބޭފުޅަކު އައްޔަން ކޮށްފައިވާ ކަމަށެވެ. އެގޮތުން ބޯޑު މެމްބަރުންނަށް އައްޔަންކުރި ބޭފުޅުންނަކީ:
- މ. ކުރެއްދޫގެ، އާއިޝަތު މުހައްމަދު
- ފްލެޓް ނަމްބަރު 1-3-10، ޝިބާނާ އަބްދުﷲ ދީދީ
ފާހަގަކުރެވޭ ގޮތުގައި ޝާހު މާހިރަކީ ދަރުމަވަންތަ ހޮސްޕިޓަލްގެ ޑެޕިއުޓީ ސީއީއޯއެވެ. އަދި ޝާހު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް އަދާކުރައްވާފައެވެ.
ރައީސް އޮފީހުން މީގެކުރިން ވަނީ މި ބޭސް ކުންފުނި އުފައްދާފައިވަނީ ޑޮކްޓަރީ ބޭހާއި، މެޑިކަލް ކޮންޒިއުމަބަލްސްގެ އިތުރުން މެޑިކަލް އިކުއިޕްމަންޓް ގަނޑުކޮށް ގަނެ ރާއްޖެއަށް އެތެރެކުރުމުގެ މަސައްކަތް ފުޅާކުރުމާއެކު އެތަކެތި ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދިނުގެ މަސައްކަތް ކުރުމަށް ކަމުގައި ބުނެފައެވެ. އަދި މިއީ ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އޮންނަ ސަރުކާރުގެ ކުންފުންޏެއް ކަމަށްވެސް ރައީސް އޮފީހުން ބުނެފައިވެއެވެ.
ރާއްޖޭގައި ބޭސް ލިބުމުގައި ހުރި ދަތިތަކަށް ހައްލު ގެނައުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު، މީގެ ކުރިން ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވަނީ ބޭސްތައް ލިބުމުގައި އެންމެ ބޮޑު ގޮންޖެހުމަކީ ސަޕްލައި ޝޯޓޭޖުގެ މައްސަލަ ކަމަށް ވިދާޅުވެފައެވެ.
ބޭސް ލިބުމުގައި ހުރި ދަތިތައް ހައްލު ކުރުމަށް އެސްޓީއޯގެ ބޭސް ސަޕްލައި އިތުރުކޮށް، ބޭހުގެ ކަންކަން ބެލެހެއްޓުން ހަރުދަނާކުރުމުގެ، އިތުރުން އެ ދާއިރާގައި ހަރަކާތްތެރިވާ މުވައްޒަފުންގެ އަދަދު އިތުރު ކުރުމަށްވެސް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތެކެއް ކުރަމުންނެވެ.