ކ. ތިލަފުށީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ މީހަކަށް ބޮޑެތި އަނިޔާތަކެއް ވެއްޖެއެވެ.

ފުލުހުން ބުނީ، އެކްސްކަވޭޓަރެއްގެ ކައިރީގައި މަސައްކަތް ކުރަން ހުރި މީހެއްގެ ގައިގައި ލޮރީއަކުން ޖެހި، އޭނާ އެ ލޮރީގެ ދަށުވި މައްސަލައެއްގެ ރިޕޯޓު މިއަދު މެންދުރު 2:15 ހާއިރު އެ އިދާރާއަށް ލިބިފައިވާ ކަމަށެވެ.

މި ހާދިސާގައި އަނިޔާވެފައި ވަނީ ސްރީލަންކާގެ ފިރިހެނެއް ކަމަށާއި އޭނާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އަދި ލޮރީ ދުއްވި އިނީ އިންޑިއާ މީހެއްކަން ފާހަގަކޮށް ފުލުހުން ބުނީ އެމީހާ ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެއީ އުމުރުން 28 އަހަރުގެ ވިގްނޭޝް އަނަދުރާއީ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު ވިގްނޭޝް ދުއްވި ލޮރީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަަމށް ބުނެއެވެ.

މި ހާދިސާއާއި ގުޅެ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ހިއްސާ ކޮށްފައި ނުވެއެވެ.