އަލަށް އުފަންވާ ކުދިންގެ ދުޅަހެޔޮކަމަށްޓަކާ ސިއްހީ ދާއިރާގެ ހުރިހާ ހިދުމަތްތެރިން ގުޅިގެން އެކުގައި މަސައްކަތްކުރެއްވުމަށް ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ގޮވާލައްވައިފިއެވެ.

އެކަމަނާ މިކަމަށް ގޮވާލެއްވީ ނިއޯނޭޓަލް ނަރުހުންގެ ކޮންފަރެންސް ހުޅުވުމަށް ދަރުމަވަންތަ ހޮސްޕިޓަލުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުންނެވެ.

އަލަށް އުފަންވާ ކުދިންގެ ސިއްހަތާއި ދުޅަހެޔޮކަމަށް މަސައްކަތްކުރާ ހިދުމަތްތެރިންގެ މަސައްކަތް ފާހަގަކުރައްވާ ސާޖިދާ ވަނީ ރާއްޖޭގައި އުފަންވާ ކުދިންގެ ސިއްހަތާބެހޭ ދާއިރާގައި ވަރަށް ހިތްދަތި ކަންކަން ދިމާވެފައިވާކަން ތާރީހީ ލިއުންތަކުން ހާމަވާ ކަމަށް ވިދާޅުވެފައެވެ. އަދި މިހާރުވެސް މިދާއިރާއަށް އަވަސް ކުރިއެރުންތައް ބޭނުންވާ ކަމަށާއި ތަނާއި ޖާގަ އަދި އިންސާނީ ހުނަރާއި ގާބިލުކަން މި ދާއިރާއިން ބޭނުންވާ ކަމަށް އެކަމަނާ ވަނީ ވިދާޅުވެފައެވެ.

ސާޖިދާ ވަނީ އެކި ދާއިރާތަކުން ޓެކްނޮލޮޖީއަށް އަންނަމުންދާ ކުރިއެރުންތައް ފާހަގަކުރައްވާފައެވެ. ސިއްހީ ދާއިރާގައި އިލްމާއި ޓެކްނޮލޮޖީ ކުރިއަރަމުން އަންނަ ގޮތް ފާހަގަކުރައްވާ އެކަމަނާ ވިދާޅުވީ އޭގެތެރޭގައި އަލަށް އުފަންވާ ކުދިންނާ ގުޅުންހުރި ކަންކަމަށް ހާއްސަކޮށް ތައާރަފުކުރެވިފައިވާ ޓެކްނޮލޮޖީ އެބަހުރި ކަމަށެވެ.

މިފަދަ ކޮންފަރެންސްތަކުގައި ކުރެވޭ މަޝްވަރާތަކުގެ ސަބަބުން، ރާއްޖޭގައި އެފަދަ ކަންކަން ތަންފީޒުކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ސާޖިދާ ވިދާޅުވިއެވެ. އެކަމަނާ ވަނީ ކޮންފަރެންސްގައި ކުރެވޭ މަޝްވަރާތަކާއި ނިންމާ ނިންމުންތައް ތަންފީޒުކުރެއްވުމަށް ގުޅިގެން މަސައްކަތްކުރެއްވުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

ނިއޯނޭޓަލް ނަރުހުންގެ ކޮންފަރެންސްއަކީ 2 ދުވަހަށް ކުރިއަށްގެންދާ ކޮންފަރެންސްއެކެވެ.