239 ނުވައަހަރު ވާންދެން ރަސްކަމެއް ކުރި، ނޭޕާލަށް ދިމިގްރާތީ ނިޒާމެއް އައިތާ މިވީ މަދު މުއްދަތުގެ ތެރޭގައި އެތައް ސަރުކާރެއް ބަދަލުވެފައި ވެއެވެ.

2008 ގައި ދިމިގްރާތީ ނިޒާމަކަށް ވެރިކަން ފުރޮޅިގެން ދިޔަ ނަމަވެސް، މިއަދާ ހަމައަށް އެ ގައުމު ކަޑައްތު ކުރަމުން ދަނީ ސިޔާސީ ހަމަނުޖެހުމުގެ ތެރޭގައެވެ.

އެއް ބަޔަކަށް ނުވަތަ ކުރިންސުރެ ވެރިކަމުގެ ކޮއިލުގެ ތެރޭގައި ހަރަކާތްތެރިވަމުން ދިޔަ އާއިލާތަކުގެ ކުދިންނާއި ޒުވާނުންނަށް ހާއްސަކަމެއް ދެމުން ގެންދިޔުމާއި، އާންމު އެހެން ރައްޔިތުންނަށް ނުދޭ އިމްތިޔާޒުތައް ދެމުން ގެންދިޔުމުގެ ސަގާފަތެއް އޮވެއެވެ.

މީގެ އިތުރުން ކޮރަޕްޝަން މޫލައި ދައުލަތުގެ ހުރިހާ ނިޒާމެއްގެ ތެރެއަށް 'ފާވެފައި' އޮތްކަމަށް ރިޕޯޓުތަކުން ބުނެއެވެ.

30 މިލިއަންގެ އާބާދީއެއް އޮތް ނޭޕާލުގައި ޒުވާނުން ރުޅިގަދަވެ މަގުތަކަށް ނިކުމެ ކުރަމުންދާ މުޒާހަރާތަކުގެ ނަތީޖާއެއްގެ ގޮތުން ބޮޑުވަޒީރު ވަނީ މިއަދު އިސްތިއުފާ ދެއްވާއެވެ.

އުމުރުން 13 އާއި 28 އާ ދެމެދުގެ އުމުރުފުރާގެ ޒުވާނުން މިދިޔަ ހޯމަދުވަހުންސުރެ ފެށިގެން މަގުތަކަށް ނިކުމެ ފެށި މުޒާހަރާ ހަމަނުޖެހުމަކަށް މިހާރުވަނީ ބަދަލުވެފައެވެ. ސަލާމަތީ ބާރުތަކުން ރަބަރުވަޒަނާއި ކަރުނަގޭސް އަދި ބާރުގެ ބޭނުން ކުރަމުން ދިޔުމާއި ޒުވާމުން އެމީހުނާ ކުރިމަތިލައި ހިންގަމުން ދާ ހަމަނުޖެހުންތަކުގައި މިހާތަނަށް 19 މީހަކު މަރުވެފައި ވެސް ވެއެވެ.

މީގެ އިތުރުން މަޖިލީސް ކުރާ ގެއާއި ބޮޑުވަޒީރުގެ ގެކޮޅުގައި ވަނީ ރޯކޮށްލާފައެވެ.

އާންމުވެ ފެންނަ ފޮޓޯތަކާއި ވީޑިއޯތަކަށް ބަލާއިރު، މަޖިލީސް ކުރާ ގެއާއި ބޮޑުވަޒީރުގެ ގެކޮޅު ބޭނުން ނުކުރެވޭ ވަރަށް އަނދާފައި ވާ އިރު, ސަރުކާރުގެ އެހެން ބައެއް އޮފިޝަލުންގެ ގޭގޭގައިވެސް ވަނީ ހުޅުޖަހާފައެވެ. އަދި ބައެއް އޮފިޝަލުންގެ ގޭގެއަށް ޒުވާނުން ވަދެ އޮފިޝަލުންނާއި އާއިލާގެ މެންބަރުންނަށް އަނިޔާ ކޮށްފައި ވާ އިރު އިސްތިއުފާ ދެއްވުމުން ބައެއް ވަޒީރުން ފަހާ ދުވެ އަތުލައި މަގުތަކަށް ނެރެ, ބަރަހަނާކޮށް ގަންހިންގުވާފައި ވެސް ވެއެވެ. އެގޮތުން އަނިޔާ ލިބިވަޑައިގެންނެވި 1 ބޭފުޅަކީ ފިނޭންސް މިނިސްޓަރެވެ. އޭނާ އަށް އަނިޔާކޮށް ބަރަހަނާ ކުރުމަށް ފަހު އުފުލާލައިގެން މަގުތަކުން ގެންދިޔުމަށް ފަހު ކޯރެއްގެ ތެރެއަށް ފައިބަން މަޖުބޫރު ކުރުވައެވެ. އަދި ކޯރުގެ ތެރެއަށް މުޒާހަރާގެ ބައެއް ބައިވެރިން އެރި އޭނާގެ ފަހަތުން ކޮއްޕަމުން ދާ މަންޒަރުވެސް ފެނިފައި ވެއެވެ.

ބައެއް ހަބަރުތައް ބުނާގޮތުން, ބޮޑުވަޒީރުގެ ގެކޮޅަށް ވަން ޒުވާނުން އެ ގޭގައި ހުޅުޖެހި އިރު ބޮޑުވަޒީރުގެ އަނބިކަނބަލުން ގޭގައި އިންނެވިއެވެ. ސަލާމަތްވެވަޑައިގަންނަވާނެ ވަގުތު ނުދެއްވައި އެތެރޭގައި ތަޅުލުމަށް ފަހު ގެކޮޅުގައި ރޯކޮށްލީ ކަމަށް ބުނެއެވެ. އާންމު ބައެއް ފަރާތްތަކާއި ސިފައިންގެ އެހީގައި އެކަމަނާ ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް, ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި ދުމުގެ އަސަރު ކުރުމުގެ ސަބަބުން, ނޭވާހާސްވެ ވަނީ އަވަހާރަވެފައި ކަމަށް ވެސް ބުނެއެވެ.

ނެޕޯ ބޭބީސް އާ ދެކޮޅަށް އަޑުއުފުލަނީ

ޒުވާނުން ރުޅިގަދަވެ މަގުތަކަށް

ނޭޕާލުގައި ދިމިގްރާތީ ވެރިކަމެއް ފެށުނު ފަހުން އެތައް ވެރިކަމެއް ބަދަލުވެފައި ވާ އިރު, ކޮންމެ ވެރިކަމަކީވެސް ކޮރަޕްޝަނުގެ މަތީގައި ދެމިގެން އައި ވެރިކަމެއް ކަމަށް ޒުވާނުން ބުނެއެވެ. ވެރިކަމުގެ އާރާއި ބާރުގައި ތިބޭ އޮފިޝަލުންގެ ދަރިންގެ ޗާލާކީ އަދި މުއްސަނދި ދިރިއުޅުމާއި ދައުލަތުގެ ފައިސާއިން ކޮރަޕްޝަން ހިންގާ ކަމަށް ބުނެއެވެ. އޮފިޝަލުންގެ ދަރިން ނުވަތަ ނެޕޯ ކިޑްސް ގެ ދިރިއުޅުމާއި އާންމު ރައްޔިތުންގެ ދިރިއުޅުމާ ނުބައްދަލު ކަމަށާއި އިމްތިޔާޒުތަކާއި އެނޫންވެސް ފަސޭހަތަކާއި ވަޒީފާއާއި ފުރުސަތުތައް ވެސް ދެނީ އެފަދަ ކުދިންނަށް ނުވަތަ މީހުންނަށް ކަމަށް ޒުވާނުން ބުނެއެވެ.

މިއަދު މަޝްރަހު ބަދަލުކޮށްލި މުޒާހަރާ އަކީ, ކޮރަޕްޝަނާ ދެކޮޅަށް އަޑުއުފުލަމުން, އިހުތިޖާޖު ކުރަމުން ދާތާ އަހަރުތަކެއް ވެފައި ވަނިކޮށް, އެވާހަކަތައް ހިއްސާ ކުރުމަށް ބޭނުން ކުރަމުން ދިޔަ ސޯޝަލްމީޑިއާގެ އެޕްތައް މަނާ ކުރުމުގެ ނަތީޖާކަމަށް ޒުވާނުން ބުނެއެވެ.

ޒުވާނުންގެ ތެރެއިން މީޑިއާ އާ ވާހަކަ ދެއްކި ޝެރީން ބުނީ, މުޒާހަރާތައް ރާވާ ހިންގުމުގައި ވަކި އިސްވެރިޔަކު ނެތް ކަމަށާއި, އެކަމަކީ ހުރިހާ ޒުވާނުން ބައިވެރިވެގެން ކުރާ ކަމެއް ކަމަށެވެ. އޭނާ ބުނީ, މިއަދުގެ ހާލަތާ ކުރިމަތިލުމަށް ޒުވާނުން އެއްވީ, އެކިއެކި މެސެޖިން އެޕްތަކުގައި އެއްވާންވީ ކަމަށާއި އެއްވާންވީ ތަން ކިޔާ އެންމެން އެއްބަސްވެގެން ކަމަށެވެ.

ބެލެންދުރަ ޝާހް

އިތުރަށް އޭނާ ބުނީ, މިހާލަތުގައި އިސްވެ ހަރަކާތްތެރިވާ މީހަކު ނެތުމާއެކު, ޒުވާނުންނާ ބައިވެރިވެ ހާލަތު ހަމައަކަށް އެޅުވުމަށް ކަތުމަންޑޫގެ މޭޔަރުގެ އަރިހުން އެދިފައިވާ ކަމަށެވެ. ޒުވާނުން ބުނީ, މިވަގުތަށް އެންމެ ރަނގަޅު ހައްލަކީ މޭޔަރު ބަލެންދްރަ ޝާހު (ބެލެން) ކަމަށެވެ. ޝާހުއަކީ ކުރިން އިންޖިނޭރެކެވެ. އަދި ޒުވާނުންގެ ތެރޭގައި މަގުބޫލު ރެޕާއެއްގެ ގޮތުގައި ވެސް ހަރަކާތްތެރިވެފައި ވާ ބޭފުޅެކެވެ. މިހާރުގެ މޭޔަރެވެ.

ސޯޝަލްމިޑިއާގެ ގޮތުގައި ބޭނުން ކުރާ ޖުމްލަ 26 ޕްލެޓްފޯމް ނުވަތަ އެޕް ނޭޕާލްގައި މަނާ ކުރިއެވެ. އޭގެ ތެރޭގައި މަޝްހޫރި ފޭސްބްކް, އެކްސް, ޔޫޓިއުބް, ޓިކްޓޮކް ފަދަ އެޕްތައް ވެސް ހިމެނެއެވެ.

މިއަދުގެ ހާލަތަކީ ކޮބާ

މިއަދު ބޮޑުވަޒީރު އިސްތިއުފާ ދެއްވުމުން އޭނާ ހޯދާ, ހަށިކޮޅަށް އަނިޔާދީ ބޯފަޅާލައިފައި ވެއެވެ. އޭނާއަށް ހިމާޔަތްދޭން ސަލާމަތީ ބާރުތަކުން މަސައްކަތް ކުރި ނަމަވެސް އެކަމުގައި ޒުވާނުން ހުއްޓުވޭގޮތެއް ނުވިއެވެ.

ނޭޕާލުގެ ވެރިރަށް ކަތުމަންޑޫގައި ހަމަނުޖެހުންތައް ބޮޑުވެފައި ވާ އިރު އެތާނގެ އެންމެ ބޮޑު ނޫސް އިދާރާގައި ވެސް މިއަދު ވަނީ ރޯކޮށްލާފައެވެ. އަދި ގިނަ އަދަދެއްގެ ވެހިކަލްތަކުގައި ރޯކޮށް, ސަރުކާރަށް ނިސްބަތްވާ އޮފިޝަލުންގެ މުދަލަށް ވެސް ވަނީ ގެއްލުން ދީފައެވެ.

ޒުވާނުން ބުނަނީ, ނަތީޖާއަކާ ހަމައަށް ދެވެންދެން ބެލެން ހަވާލުވާން ވީ ކަމަށާއި, ޒުވާނުން ގޮވައިގެން ކުރިއަށް ނިކުންނަށް ވީ ކަމަށެވެ. ބެލެން އަކީ, ސިޔާސީ މައިދާނަށް ވަދެވަޑައިގަތުމުގެ ކުރިން އަންޑަގްރައުންޑް ރެޕާ އަދި ލިރިސިސްޓް (ރެޕް ލަވަތައް ހަދާ ކިޔާ އުޅޭ މީހުން) އެވެ. އޭނާގެ ލަވަތަކުގައިވެސް ކޮރަޕްޝަނާއި ނާއިންސާފައި ހަމަހަމަކަން ނެތުމާ ގުޅޭގޮތުން އަލިއަޅުވާލާފައި ހުރެއެވެ.

ޒުވާނުންގެ ތެރޭގައި އޭނާ މަގުބޫލު ވުމުގެ ސަބަބުން މޭޔަރުކަން ކާމިޔާބު ކުރުމަށް ފަހު, ސޯޝަލްމީޑިއާގެ އެކި މަންސަތަކުގައި އާންމު ހައްގުތަކާއި ސިޔާސަތުތަކާ ގުޅޭ ގޮތުން ވާހަކަ ދައްކައެވެ.