ސްރީލަންކާގައި ކުރިއަށްގެންދިޔަ ''ސައުތު އޭޝިއާ ސުޕަ ކަޕް 2025'' ގެ ޗެމްޕިއަންކަން ދިވެހި ރާއްޖެއިން ހޯދައިފިއެވެ.

މިއަދު ލަންކާގެ ރޭސްކޯސް ސްޓޭޑިއަމްގައި ކުޅުނު މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައިވާއިރު، ފުރަތަމަ މެޗު ރާއްޖެއިން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ. އެހެންކަމުން 4-1 ގެ އެގްރިގޭޓް ނަތީޖާއަކުން ސައުތު އޭޝިއާ ސުޕަ ކަޕް ކާމިޔާބު ކޮށްފައިވަނީ ރާއްޖެއިންނެވެ.

ދެ މެޗަކަށް ކުޅުނު މި މުބާރާތުގެ ފަހު މެޗު މިއަދު ކުޅެފައިވާއިރު މި މެޗުގައި ރާއްޖެއިން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. މެޗުގެ 67 ވަނަ މިނެޓުގައި ރާއްޖެއަށް ލީޑު ނަގައިދީފައިވަނީ ނާއިޒް ހަސަން (ދާދު)އެވެ. މެޗުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި 5 މިނެޓުގެ ތެރެއިން 2 ވަނަ މިނެޓުގައި ލަންކާއިން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ.

މި މެޗު ބަލާ ރާއްޖެއަށް ސަޕޯޓުކުރުމަށް ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން ވަނީ ގޮސްފައެވެ. މި މުބާރާތުގައި ރާއްޖެއިން ހޯދި ފަހުރުވެރި ކާމިޔާބަށް ރައީސް މުއިއްޒުވެސް ވަނީ މަރުހަބާ ވިދާޅުވެފައެވެ.

ފާހަގަކުރެވޭ ގޮތުގައި މި މުބާރާތުގެ ފުރަތަމަ މެޗަށްފަހު ރައީސް ވަނީ ގައުމީ ޓީމުގެ ކޯޗް މޯހަން އަށް ގުޅުއްވާ ދިވެހި ފުޓްބޯޅައަށާއި ރައްޔިތުންނަށްޓަކައި ފުޓްބޯޅައަށް ރީތިނަން ހޯދައިދިނުމަށް ކުރިއަށް އޮތް މެޗްގައި އިތުރަށް މަސައްކަތް ކުރެއްވުމަށް އެދިވަަޑައިގެން އަދި ޓީމަށް ހިތްވަރު ދެއްވާފައެވެ.

މިކަމާ ގުޅިގެން ގައުމީ ޓީމުގެ ކޯޗް މޯހަން ވަނީ ރައީސް ޓީމަށް ގުޅުއްވާ މަރުހަބާ ވިދާޅުވުމަކީ ޓީމަށް ލިބުނު އިތުރު އުފަލަކާ ހިތްވަރެއް ކަމަށް ވިދާޅުވެފައެވެ.