ރާއްޖޭގެ އަތޮޅުތައް އުވާލަނީކަމަށް ބުނެ ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަކީ ޒިންމާދާރުކަން ކުޑަ ވާހަކަތަކެއް ކަމަށް މިނިސްޓަރީ އޮފް ސިޓީސް، ލޯކަލް ގަވަންމަންޓް އެންޑް ޕަބްލިކް ވާކްސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ސަރުކާރުން އަތޮޅު އުވާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ ލާމަރުކަޒީ ނިޒާމު ފެށިގެންއައިރު އެމްޑީޕީގެ ވެރިކަމުގައި ޕްރޮވިންސްތައް ހެދުމުގެ ނަތީޖާއަކަށްވީ ނިޒާމުގެ ތެރެެއަށް ލޭޔާއެއް އިތުރުވެ، އެކި ކަންކަމުގައި މާލެއަށް ބަރޯސާވުން ބޮޑުވުން ކަމަށެވެ. އަތޮޅު ކައުންސިލް އޮންނަންޖެހޭ ގޮތް ބަދަލުކޮށް، ކޮންމެ ރަށަކުން އެރަށެއްގެ ތަރައްގީއަށް އިންތިހާބުކުރާ ކައުންސިލަރުން އަތޮޅު ކައުންސިލްގައިވެސް ހިމެނުމަކީ އެ ކައުންސިލަރުންގެ ޒިންމާ އިތުރުވާ ކަމެއް ކަމަށާއި އެއީ ގާނޫނާވެސް ފުށުއަރާ ކަމެއް ކަމަށް ގަބޫލުކުރައްވާކަމެއްކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

އަތޮޅު ކައުންސިލްތަކުން ރަށްރަށަށް އިދާރީ ގޮތުން ދޭންޖެހޭ އެހީތެރިކަމެއް ފިޔަވައި ކުރަން މާބޮޑު ކަމެއް ނޮއޮންނަކަން ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ އެއީވެސް ލާމަރުކަޒީ ނިޒާމަށް އިތުރުވާ ލޭޔަރެއްކަމަށެވެ.އަދި ސަރުކާރުން ބޭނުންވަނީ މިހާރު އަތޮޅު ކައުންސިލް އޮންނަ ގޮތް ބަދަލުކުރެއްވުމަށްކަން ހާމަކޮށް މިނިސްޓަރު ވިދާޅުވީ ސަރުކާރުން އަތޮޅު އުވާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކެއް ކަމަށާއި އެއީ ޒިންމާދާރުކަން ކުޑަ ވާހަކަތަކެއް ކަމަށެވެ. އަދި އެއީ ސަރުކާރުގެ ސިޔާސަތެއް ނޫންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރައީސް ޑރ.މުހައްމަދު މުއިއްޒު ވަނީ އަތޮޅު ކައުންސިލަކީ އެއްވެސް ބޭނުމެއް އޮންނަ ކައުންސިލެއް ނޫންކަމަށާއި އެހެންވެ ގާނޫނު އަސާސީއަށް އިސްލާޙު ގެނެސް އަތޮޅު ކައުންސިލް އުވާލުމަށް ނިންމަވާފައިވާކަން ހާމަކުރައްވާފައެވެ.