ފުޓްބޯޅައިގައި ދިވެހި ގައުމަށް ރަންވަނަތަކެއް ހޯދައިދިނުމަށް ގައުމީ ޓީމުގެ ކިބައިން ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.

ރައީސް ވަނީ ސްރީލަންކާގައި މިހާރު ކުރިއަށްދާ ''ސައުތު އޭޝިއާ ސުޕަ ކަޕް 2025'' ގައި ބައިވެރިވާ ދިވެހިރާއްޖޭގެ ގައުމީ ޓީމަށް ހިތްވަރު ދެއްވުމުގެ ގޮތުން ގައުމީ ޓީމުގެ ކޯޗް މުހައްމަދު ޝިޔާޒު (މޯހަން) އަށް ފޯނުން ގުޅުއްވާފައެވެ.

ރައީސް އޮފީހުން ބުނީ މި މުބާރާތުގައި އިއްޔެ ކުޅުނު މެޗުން ގައުމީ ޓީމް ހޯދި ކާމިޔާބީއަށް މަރުހަބާ ވިދާޅުވެ، ކުރިއަށް އޮތް މެޗްތަކުގައި ކާމިޔާބީ ހޯދުމަށް ހިތްވަރާއިއެކު މަސައްކަތް ކުރުމަށް ގައުމީ ޓީމުގެ ކިބައިން ރައީސް އެދިވަޑައިގެންފައިވާކަމަށެވެ. އަދި ފުޓްބޯޅައިގައި ދިވެހި ގައުމަށް ރަންވަނަތަކެއް ހޯދައިދިނުމަށް ޖޯޝާއިއެކު މަސައްކަތް ކުރުމަށްވެސް ރައީސް ވަނީ އެދިވަޑައިގެންފައެވެ.

މިކަމާ ގުޅިގެން ގައުމީ ޓީމުގެ ކޯޗް މޯހަން ވިދާޅުވީ ރައީސް ޓީމަށް ގުޅުއްވާ މަރުހަބާ ވިދާޅުވުމަކީ ޓީމަށް ލިބުނު އިތުރު އުފަލަކާ ހިތްވަރެއް ކަމަށާއި، ރައީސް އެދިވަޑައިގެންނެވިގޮތަށް ދިވެހި ފުޓްބޯޅައަށާއި ރައްޔިތުންނަށްޓަކައި ފުޓްބޯޅައަށް ރީތިނަން ހޯދައިދިނުމަށް ކުރިއަށް އޮތް މެޗްގައި އިތުރަށް މަސައްކަތް ކުރާނެ ކަމަށެވެ.

އިތުރަށް މޯހަން ވިދާޅުވީ ޓީމުގެ އުންދަކީ ތަށި ކާމިޔާބުކުރުން ކަމަށާއި، ޓީމުގެ ހުރިހާ ކުޅުންތެރިންވެސް ތިބީ އެ އަޒުމުގައި ކަމަށެވެ.

ފާހަގަކުރެވޭ ގޮތުގައި ލަންކާގެ ރޭސްކޯސް ސްޓޭޑިއަމްގައި އިއްޔެ އެގައުމާއި ދެކޮޅަށް ރާއްޖެއިން ކުޅުނު މެޗު 0-3 ގެ ނަތީޖާއަކުން ރާއްޖެއިން ވަނީ ކާމިޔާބުކޮށްފައެވެ. މި މެޗުގައި ރާއްޖެއަށް ސަޕޯޓުކުރުމަށް ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން ވަނީ ގޮސްފައެވެ.

ސައުތު އޭޝިއަން ސުޕަ ކަޕްގެ ނަމުގައި ރާއްޖެއާ ދެކޮޅަށް ކުޅޭ ދެ މެޗުގެ ތެރެއިން ދެވަނަ މެޗު އޮންނާނީ އަންގާރަ ދުވަހުއެވެ. މި މެޗުވެސް ކުޅުމަށް ހަމަޖެހިފައިވަނީ ލަންކާގެ ރޭސްކޯސް ސްޓޭޑިއަމްގައެވެ.