ރަށްރަށުގެ ކައުންސިލްތަކަށް ބްލޮކް ގްރާންޓް ނުވަތަ ހިލޭ އެހީގެ ފައިސާގެ ފިސްކަލް ފޯމިއުލާ މުރާޖާކޮށް ރަށުގެ ބޮޑުމިނަށް ރިއާޔަތްކުރެވޭ ގޮތަށް ބަދަލުކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
ރައީސް މިރޭ އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ގާނޫނުގެ ދަށުން ކައުންސިލްތަކަށް ސަރުކާރުން ދޭ އާންމު ހިލޭ އެހީގެ ފައިސާ (ބްލޮކް ގްރާންޓް) ފޯރުކޮށްދިނުމަށްޓަކައި ކަނޑައަޅުއްވާފައިވާ ފިސްކަލް ފޯމިއުލާ ގައިވާ ގޮތުން އާބާދީ ކުޑަ ރަށްތަކަށް ލިބޭވަރު މަދު ކަމަށެވެ.
އެކަމަކު އާބާދީ ކުޑަ ނަމަވެސް ބިމުގެ ގޮތުން ތަނަވަސް ރަށްތަކުގައި މުނިސިޕަލް މަސައްކަތް މަދު ނޫންކަން ފާހަގަކުރައްވާ، ރައީސް އިތުރަށް ވިދާޅުވީ ބްލޮކް ގްރާންޓުގެ ފިސްކަލް ފޯމިއުލާ މިހާރު ކަނޑައަޅުއްވާފައިވާ ގޮތުން، އެ ކައުންސިލްތަކަށް ގެއްލުންވާ ކަމަށެވެ.
އެހެންކަމުން ފިސްކަލް ފޯމިއުލާ މުރާޖާކުރުމުގައި ރަށުގެ ބޮޑުމިނަށް ރިއާޔަތްކުރެވޭ ގޮތަށް ބަދަލު ކޮށް، 2026 ވަނަ އަހަރުގެ ބަޖެޓު ހުށަހަޅާއިރު މި ބަދަލާ އެކު ހުށަހެޅުމަށް ނިންމާފައިވާ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ކައުންސިލްތަކަށް ދޭ ހިލޭ އެހީ ކަނޑައެޅުމާއި، ކައުންސިލްތަކުގެ ބަޖެޓު ތައްޔާރުކުރުމާއި، ބަޖެޓު ތަންފީޒު ކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގައި ބުނެފައިވާ ގޮތުގައި ކައުންސިލްތަކަށް ބްލޮކް ގްރާންޓް ދިނުމުގައި މިހާރު ބަލަނީ 5 ކަމަކަށެވެ. އެ ކަންކަމަކީ:
- ރަށު ކައުންސިލްތައް ނަމަ، ރަށުގެ އާބާދީ އަތޮޅު ކައުންސިލްތައް ނަމަ އެ އަތޮޅެއްގެ އާބާދީ
- ބިމުގެ ސަރަހައްދު
- އަތޮޅުގެ ވެރިކަން ކުރާ ރަށާ ހުރި ދުރުމިން
- މާލެއާ ހުރި ދުރުމިން
- ލޯކަލް ގަވަމަންޓް އޮތޯރިޓީން ވަޒަންކޮށް ކައުންސިލްތަކުގެ ޕަފޯމަންސައް ދޭ ސްކޯއަށް ބަލައިގެން
މިހާރު ކައުންސިލްތަކަށް ދޫކުރަނީ، ދައުލަތަށް ލިބޭ އާމްދަނީގެ 5 ޕަސެންޓު ބްލޮކް ގްރާންޓާއި، އަތޮޅުތަކުގެ ރަށްރަށާއި، ފަޅުން ލިބޭ އާމްދަނީގެ ކުލީގެ 40 ޕަސެންޓެވެ. މީގެ އިތުރުން ކުންފުނިތައް އުފައްދައިގެން ވިޔަފާރިކުރެވޭނެ މަގުތައް ލާމަރުކަޒީ ގާނޫނުގައި ހިމެނިފައިވެއެވެ.
ބްލޮކް ގްރާންޓްގެ ގޮތުގައި ކައުންސިލްތަކަށް މިއަހަރުގެ ބަޖެޓުން 2 ބިލިއަނަށްވުރެ ގިނަ ރުފިޔާ ކަނޑައަޅާފައިވާއިރު ކައުންސިލްތަކަށް ދޫކުރާ ބްލޮކް ގްރާންޓުގެ ފައިސާގެ ތެރެއިން މަދުވެގެން ފަސް ޕަސެންޓު ވިމެންސް ޑިވެލޮޕްމަންޓު ކޮމިޓީ (ޑަބްލިއުޑީސީ) އަށް ހާއްސަކުރަން ގާނޫނުން ލާޒިމު ކުރެ އެވެ.