ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ގަވާއިދުގެ ތެރެއަށް ވެއްދުމުގެ ބޮޑު ހަރަކާތެއް ފަށަން ތައްޔާރުވަމުން އަންނަކަމަށް ހޯމް މިނިސްޓްރީން ބުނެފިއެވެ.
ހޯމް މިނިސްޓްރީން ބުނީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ ރައްޔިތުންގެ ކަންބޮޑުވުން އޮތް ބޮޑު މައްސަލައެއް ކަމަށާއި މި މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ހާއްސަ މަސައްކަތްތަކެއް ފެށިފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށް ގެންދާ އޮޕަރޭޝަން ކުރަނގީގައި 160،000 އަށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތު އެއްކޮށްފައިވާއިރު ގަވާއިދާ ހިލާފަށް ގިނަ އަދަދެއްގެ ބިދޭސީން އުޅެމުން އަންނަކަން ފާހަގަކުރެވިފައިވާކަމަށް އެ ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލްމަޖީދު އިބްރާހިމް ވިދާޅުވިއެވެ.
އެކިއެކި ހާލަތްތައް ކުރިމަތިވެގެން ނުވަތަ ވަޒީފާ ދޭ ފަރާތުގެ އިހުމާލު އޮވެގެން ނަމަވެސް ގަވާއިދުގެ ތެރެއަށް ނުވަދެވި ތިބި ވަރަށް ގިނަ ބިދޭސީން ތިބިކަން ފާހަގަކޮށް އަބްދުލްމަޖީދު ވިދާޅުވީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް ގަވާއިދުގެ ތެރެއަށް ވަނުމަށް ގާތްގަނޑަކަށް ހަ މަސް ދުވަހުގެ މުއްދަތެއް ދިނުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި އެ މުއްދަތުގައި ހުޅުވާލާ ފުރުސަތުގެ ބޭނުން ހިފުމަށް އޭނާ ވަނީ އިލްތިމާސްކޮށްފައެވެ.
އިމިގްރޭޝަނުން ފަށާފައިވާ އޮޕަރޭޝަނުގައި ބިދޭސީން ގަވާއިދުގެ ތެރެއަށް ފެއްތުމުގެ އިތުރުން ބިދޭސީންގެ އައިޑެންޓިޓީ އާއި ވިސާ ޗެކް ކުރުމަށްފަހު އިމިގްރޭޝަން ގާނޫނާ ހިލާފުވާ ބިދޭސީންނަށް ފިޔަވަޅު އެޅުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.