ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރުމަށް އުފައްދާފައިވާ އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ދޫކޮށްފައިވާ ލޯނުތަކުގެ 41 ޕަސެންޓަށް ގަވައިދުން ފައިސާ ނުލިބޭކަން، އޮޑިޓު ރިޕޯޓުތަކުން ދައްކައިފިއެވެ.
އެސްޑީއެފްސީގެ 2019-2023ގެ ކޮމްޕްލަޔަންސް އޮޑިޓެއް ހަދާފައިވާއިރު، އިއްޔެ އާންމުކޮށްފައިވާ އޮޑިޓް ރިޕޯޓުތަކުން 2023ގެ ނިޔަލަށް އެސްޑީއެފްސީގެ ރައުސްމާލުން 1،428 ފަރާތަކަށް ލޯނު ދޫކޮށްފައިވާކަމަށް ދައްކައެވެ.
އެގޮތުން 2023 ވަނަ އަހަރު ޖުމްލަ 1.574 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާއިރު އޭގެ ތެރެއިން 1.357 ބިލިއަން ރުފިޔާ ދައްކާފައިނުވާކަން ވަނީ ފާހަގަކޮށްފައެވެ. 2023 ވަނަ އަހަރުގެ ނިޔަލަށް ލޯނަށް އަނބުރާ ދައްކަންޖެހޭ 554 މިލިއަން ރުފިޔާ އަކީ ނަން-ޕާފޯމިން އެސެޓުކަމުގައި ވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުން އެސްޑީއެފްސީ އިން ދޫކޮށްފައިވާ 878 މިލިއަން ރުފިޔާގެ ލޯނަށް މަހުން މަހަށް ދައްކަން ޖެހޭ ފައިސާ، މުއްދަތު ފާއިތުވިއިރުވެސް ދައްކާފައި ނުވާކަން ފާހަގަކޮށްފައިވެއެވެ. އެގޮތުން ދައްކަން ޖެހޭ 151 މިލިއަން ރުފިޔާ ނުލިބި އެބަހުރިކަމަށް އޮޑިޓް ރިޕޯޓުތަކުން ދައްކައެވެ.
މީގެ އިތުރުން 2023 ވަނަ އަހަރު ޑިސެމްބަރު މަހުގެ ނިޔަލަށް ނަން ޕާފޯމިން އެސެޓުގެ ގޮތުގައި ކަނޑައަޅާފައިވާ 554 މިލިއަން ރުފިޔާގެ ތެރެއިން 150 ލޯނަކަށް ދޫކޮށްފައިވާއިރު އޭގެ ތެރެއިން 107 މިލިއަން ރުފިޔާ ރުފިޔާ ލިބިފައިނުވާކަން ފާހަގަކޮށްފައިވެއެވެ. އަދި މީގެ ތެރެއިން 35 ލޯނަކަށް ނުލިބިވާ 19 މިލިއަން ރުފިޔާ ހޯދަން ގާނޫނީ ފިޔަވަޅު އެޅުމުގެ ކުރިން ރައިޓްއޯފް ކޮށްފައިވެއެވެ. މި ލޯނުތަކަށް ދޫކޮށްފައިވާ ފައިސާ އަނބުރާ ހޯދުމަށް މިދިޔަ އަހަރުން ފެށިގެން މި އަހަރުގެ 17 ޖުލައިގެ ނިޔަލަށް ކުރި މަސައްކަތުން 12 މިލިއަން ރުފިޔާ ހޯދިފައިވާކަމަށް އޮޑިޓް ރިޕޯޓްތަކުން ދައްކައެވެ.
އޮޑިޓު ރިޕޯޓުގައިވާ ގޮތުން އެސްޑީއެފްސީއަށް އަހަރުން އަހަރަށް ވަމުން އައި ގެއްލުން 2022 ވަނަ އަހަރުން ފެށިގެން ކުޑަވާން ފަށައި މިދިޔަ އަހަރު ކުންފުންޏަށް ފުރަތަމަ ފަހަރަށް ފައިދާވެފައިވެއެވެ.