މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލުގެ ކޮމިޓީ މަރުހަލާ ފަށައި، އާންމުންނާއި ކަމާގުޅުންހުރި ފަރާތްތަކުގެ މަޝްވަރާއި ހިޔާލު ހޯދަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީއިން ނިންމައިފިއެވެ.
މީޑިއާ ރެގިއުލޭޓް ކުރުމުގެ ނަމުގައި މަޖީލީހަށް ހުށަހަޅާފައިވާ މީޑިއާ ކޮންޓްރޯލް ކުރުމުގެ ބިލާ ދެކޮޅަށް ރައްޔިތުން މަޖިލިސް ކައިރީ ނޫސްވެރިން އިހުތިޖާޖު ކުރަމުން ދަނިކޮށް 49 މެންބަރުންގެ ވޯޓާއެކު މަޖިލީހުން އިއްޔެ ވަނީ އެ ބިލު ބަލައިގެންފައެވެ.
މިއަދު އެ ބިލުގެ ކޮމިޓީ މަރުހަލާ ފަށާފައިވާއިރު، މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ވަނީ އެ ބިލުގެ މަސައްކަތް ކުރިއަށްގެންދާނެ ގޮތް ކަނޑައެޅާފައެވެ.
އެގޮތުން ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސައިން ހުށަހެޅުއްވީ އެ ބިލުގެ މަސައްކަތް ކޮމިޓީއިން ނިންމާނީ ސެޕްޓެމްބަރު 15އަށް ކަމަށެވެ. އަދި އާންމުގެ ހިޔާލަށް މިއަދުން ފެށިގެން 6 ސެޕްޓެމްބަރުގެ ނިޔަލަށް ހުޅުވާލައި، އެކަން އާންމުކޮށް އިއުލާނުކުރުމަށް އިބްރާހިމް ހުސައިން ހުށަހެޅުއްވިއެވެ.
އަންނަ ހަފްތާގެ އާދިއްތަ، ހޯމަ އަދި އަންގާރަ ދުވަހުގެ ތެރެއިން ދުވަހެއް ކަނޑައަޅައި މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން، މޯޑިވްސް މީޑިއާ ކައުންސިލް، ރަޖިސްޓާޑް ނޫސްތައް، ޔޫތު މިނިސްޓަރު އަދި ހިއުމަން ރައިޓްސް ކޮމިޝަންގެ މެންބަރުން ކޮމިޓީއަށް ހާޒިރުކޮށް އެ ބިލާ ގުޅޭގޮތުން އެ ފަރާތްތަކުގެ މަޝްވަރާއާއި ހިޔާލު ހޯދުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއިން ވަނީ ނިންމައިފައެވެ.
މީޑިއާ ރެގިއުލޭޓް ކުރުމުގެ ނަމުގައި ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާނު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ބިލުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާއިރު ނޫސްވެރިކަމުގެ މިނިވަންކަމަށް ނުރައްކާތެރި މާއްދާތަކެއް ހިމަނާފައިވާ އެ ބިލު ބަލައިނުގަންނަ ކަން މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަނުންވެސް ވަނީ ހާމަކޮށްފައެވެ.
އެ ބިލާ ގުޅޭގޮތުން ކަންބޮޑުވުންފާޅުކޮށް ނޫސްވެރިން ވަނީ އިއްޔެ ރައްޔިތުންގެ މަޖިލީހާއި ރައީސް އޮފީހުގެ އިތުރުން މުލިއާގެ ދޮށުގައި ވެސް އިހުތިޖާޖުކޮށްފައެވެ. ބިލު ފަރުމާކޮށްފައި ވަނީ ގާނޫނުއަސާސީއިން ލިބިދީފައިވާ ނޫސްވެރިކަމުގެ ހައްގާއި އެއާ ގުޅިފައިވާ އެހެން ހައްގުތައް ވަރަށް ބޮޑަށް ހަނިކޮށް އެއިރެއްގައި އޮންނަ ސަރުކާރަކާއި ރައްޔިތުންގެ މަޖިލީހުގައި މެޖޯރިޓީ އޮންނަ ސިޔާސީ ޕާޓީއަކަށް މުޅި މީޑިއާގެ ކޮންޓްރޯލް ދާ ގޮތަށްކަން ނޫސްވެރިން ވަނީ ފާހަގަކޮށްފައެވެ.
މި ބިލާ ގުޅޭގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ މީޑިއާތައް ކޮންޓްރޯލް ކުރުމުގެ އެއްވެސް ޝައުގެއް ނެތްކަމަށާއި، އެއީ އެއްވެސް އިރެއްގައި ކުރެއްވި، އަދި ކުރައްވާނެ ކަމެއް ނޫން ކަމަށެވެ.