ހދ. ކުޅުދުއްފުށީގެ ޕޯޓުން ފޯރުކޮށްދޭނެ އިތުރު މުހިންމު ހިދުމަތްތަކެއް ފުޅާ ކުރަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އާ ހިދުމަތްތަކެއް އިފްތިތާހް ކޮށްފިއެވެ.

މި ހިދުމަތްތައް އިފްތިތާހުކޮށްފައި ވަނީ ހދ. އަތޮޅުގެ ރަށްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުންގެންދާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ކުޅުދުއްފުށްޓަށް ވަޑައިގެން އެރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެެވެ.

މިއީ މި އަހަރުގެ މެއި 19 ގައި އިކޮނޮމިކް މިނިސްޓްރީއާ އެމްޕީއެލްއާ ދެމެދު ސޮއިކުރި ފަހުމުނާމާގައި އެއްބަސްވެފައިވާ ގޮތުގެ މަތިން އެ ޕޯޓުގައި ފެށި ހިދުމަތްތަކެކެވެ.

އެގޮތުން މިއަދު ފެށި ހިދުމަތްތަކުގެ ތެރޭގައި، ކާބޯތަކެތީގެ މައިގަނޑު ބާވަތްތަކާއި އެހެނިހެން ބާވަތްތައް، އަދި އަސާސީ މުދާ، ޑިއުޓީ ނުދައްކާ ރައްކާކުރުމަށް ބޮންޑެޑް ސަރަޙައްދެއް ގާއިމުކުރުމާއި، ރާއްޖޭގެ އުތުރުގެ ސަރަޙައްދުގައި ހިމެނޭ ޓޫރިސްޓު ރިޒޯޓުތަކަށް އަމާޒުކޮށްގެން ތައާރުފުކުރެވުނު ބޮންޑެޑް ވެއާ ހައުސްގެ ހިދުމަތް ހިމެނެއެވެ.

އަދި ހަމަ އެހެންމެ ރާއްޖޭގެ އަތޮޅު ތެރޭގައި މުދާ ޑިސްޓްރިބިއުޓް ކުރުމަށް އިތުރު ލުއިފަސޭހަތަކެއް ފޯރުކޮށްދިނުމުގެ ގޮތުން ތައާރަފް ކުރެވުނު ޑޮމެސްޓިކް ވިޔަފާރިވެރިންނަށް މުދާ ބޭލުމަށް ހާއްސަ ކުރެވިފައިވާ ސަރަހައްދެއް ހުޅުވުމުގެ އިތުރުން، އިމާރާތްކުރުމަށް ބޭނުންވާ ހިލަ އަދި ހިލަވެލި ފަދަ ބާވަތްތައް ގެނެސް ބަލްކްކޮށް ރައްކާކުރުމަށް ހާއްސަ ކުރެވިފައިވާ ސަރަހައްދެއް ގާއިމްކުރުން ވެސް ހިމެނެއެވެ.

މި ހިދުމަތްތަކުގެ ސަބަބުން ވިޔަފާރިތަކުން މުދާ އެއްތަނުން އަނެއް ތަނަށް އުފުލުމަށް ކުރަންޖެހޭ ހޭދަ ދަށްކުރެވި، ބާޒާރުގެ އަގުތައް ހަމައަކަށް އެޅުމަށް މަގުފަހިވެ، އަދި އުތުރުގެ އަތޮޅުތަކުގެ އާންމު ފަރުދުންނާއި ވިޔަފާރިތަކަށް މުދާ ފޯރުކޮށްދިނުމުގެ ނިޒާމް އިތުރަށް ހަރުދަނާވެގެންދާނެއެވެ.

އަދި ރާއްޖޭގެ އިގްތިސާދު ސިންދަފާތުކޮށް ތަރައްގީކުރުމަށާއި އިގްތިސާދީ ވިލުންވެރިކަން އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ ތަސައްވުރަށް ވާސިލްވުމަށް ވެސް މަގުފަހިވެގެންދާނެ ކަމަށް އެމްޕީއެލް އިން ބުނެއެވެ.

ކުޅުދުއްފުށީ ޕޯޓުގެ ޚިދުމަތް ފުޅާކުރުމަށް ސަރުކާރުން ފަށްޓަވާފައިވާ މަސައްކަތްތަކުގެ ތެރެއިން ޕޯޓުން ފޯރުކޮށްދޭނެ އިތުރު ހިދުމަތްތަކެއް އިފްތިތާޙު ކުރުމުގެ ތެރެއިން

ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތްތަނުގައި ޑިމާންޑް އުފެދޭ މިންވަރަށް ބަލައި ބޮންޑެޑް ސްޓޯރޭޖުގެ ހިދުމަތްތައް ފުޅާކުރުމަށް ކުޅުދުއްފުށީ ޕޯޓަށް މިހާރު ހަމަޖައްސާފައިވާ ބިމުގެ ސަރަހައްދު ފުޅާކޮށް އިތުރަށް ތަރައްގީ ކުރުން ކަމަށްވާއިރު މި ހިދުމަތް ތަކަކީ ތިލަދުންމަތީ އަދި އުތުރުގެ އެހެނިހެން ސަރަހައްދުތަކުގެ ތަރައްގީގައިވެސް ކުޅުދުއްފުށީ ސިޓީން އަދާ ކުރާ އިސް ދައުރު ފުޅާވެގެން ދިއުމަށް މަގުފަހިވުމުގެ އިތުރުން، ސަރުކާރުން ދެމެހެއްޓެނިވި ތަރައްގީ، ފުޑް ސެކިއުރިޓީ، އަދި ވިޔަފާރީގެ ޙަރަކާތްތައް މުޅި ރާއްޖެއަށް ފުޅާކުރުމަށް ދެއްވާ އިސްކަން ރަމްޒުކޮށްދޭ މުހިންމު މަޝްރޫއެކެވެ.