މީޑިއާތައް ކޮންޓްރޯލް ކުރުމުގެ އެއްވެސް ޝައުގެއް ނެތްކަމަށާއި، އެއީ އެއްވެސް އިރެއްގައި ކުރެއްވި، އަދި ކުރައްވާނެ ކަމެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، ތިލަދުންމަތީ ދެކުނުބުރީގެ މީހުން އުޅޭ ރަށްރަށަށް އެމަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ނޮޅިވަރަންފަރަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް، ނޮޅިވަރަންފަރު ސްކޫލުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ޖަލްސާގައި ރައީސް ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާނީ ރައްޔިތުން އެދިވަޑައިގަންނަވާ ގޮތަށް ކަންކަން ގެންދެވުމަށް ކަމަށެވެ. އަދި ސަރުކާރުގެ ޒިންމާއަކީ، ރައްޔިތުން އެދިވަޑައިގަންނަވާ ކަންކަން ފުރިހަމައަށް ހާސިލުކޮށްދެއްވުން ކަމުގައި އަމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖޭގެ ކަންކަން ފުރިހަމަ ގޮތުގައި ގެންދިއުމުގައި އެންމެންގެ ޒިންމާވެސް އެބައޮތްކަމަށާއި، ސަރުކާރުން މަޝްރޫއުތައް ކުރިއަށް ގެންދާއިރު، އެހެން ފަރާތްތަކުން އަދާކުރަންޖެހޭ ޒިންމާތަކެއްވެސް ހުރިކަން ރައީސް ފާހަގަކުރެއްވިއެވެ. އެއީ ސިޔާސީ ޕާޓީއެއް، ޖަމުއިއްޔާ ނުވަތަ ޖަމާއަތެއް ކަމުގައި ވިޔަސް، ނުވަތަ މީޑިއާ ކަމުގައި ވިޔަސް، މިއިން ކޮންމެ ބައެއްގެވެސް ޒިންމާތަކެއް އޮތްކަން އެމަނިކުފާނު ވަނީ ހަނދާންކޮށްދެއްވާފައެވެ.
ރައްޔިތުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ މެންބަރަކު، މީޑިއާއާ ގުޅިގެން ހުށަހަޅުއްވާފައިވާ ބިލަށް އިޝާރާތްކުރައްވައި ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސް ވަނީ، އެމަނިކުފާނުގެ އެއްވެސް ކޮންޓްރޯލެއް އެކަމުގައި އޮންނަ ގޮތަކަށް އެކަން ކުރައްވަން ބޭނުންފުޅު ނުވާކަމަށާއި މަޖިލީހުގައި ތިއްބަވާ، ވެރިކަން ހިންގަވާ ޕާޓީގެ މެންބަރުންނަށް ދަންނަވާފައިވާނެ ކަމަށް ވިދާޅުވެފައެވެ.
ބިލު ފާސްވެގެން އުފެދޭ ކޮމިޝަނުގެ ރައީސްކަމުގައި ހުންނަވާ ފަރާތަކީ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ފަރާތެއްކަމުގައި ބަޔާންވެފައި އޮތްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އެކަން އެގޮތަށް ނުކުރައްވާނެ ކަމަށެވެ.
މީޑިއާއަށް ނުފޫޒު ފޯރުވުމުގެ ޖާގަ އެއްވެސް ފަރާތަކަށް އޮތުމަކީ އެދިވަޑައިގަންނަވާ ގޮތެއް ނޫން ކަމަށާއި، މީޑިއާ ވާންޖެހޭނީ މިނިވަންކަމާއެކު އޮޕަރޭޓްކުރާ ބަޔަކަށް ކަމުގައިވެސް ރައީސްގެ ވާހަކަފުޅުގައި ވަނީ ފާހަގަ ކުރައްވާފައެވެ.
މީޑިއާ ރެގިއުލޭޓްކޮށް ބެލެހެއްޓުމުގައި އެމަނިކުފާނަށް ކޮންޓްރޯލް އޮންނަ ގޮތަށް އެއްވެސް ކަމެއް އޮތުމަށް އެދިވަޑައި ނުގަންނަވާކަމުގައި ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި މީޑިއާ އޮންނަންވާނީ ފުރިހަމަ މިނިވަންކަމާއެކު، ދެފުށް ފެންނަ، ޒިންމާދާރު މަސައްކަތްތަކެއް ކުރެވޭގޮތަށް ކަމަށްވެސް ރައީސްގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.