އިންސާފުވެރިކަމާއެކު ކޯޓާގެ ކަންކަން ތަރުތީބުކުރުމަށްޓަކައި ކަނޑައަޅާފައިވާ އުސޫލާއެކު ކިއު ތަރުތީބު ކުރުމުގައި އުމުރުން އެންމެ ދުވަސްވީ މީހުންނާއި އަލަށް ހައްޖަށް ދާ މީހުންނަށް އަބަދުވެސް އިސްކަމެއް ދެވެމުންދާނެކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ހައްޖު ކޯޕަރޭޝަން ވުޖޫދު ވެގެންއައީ ބައެއް ޖަމާއަތްތަކުން ރައްޔިތުން އަތުން ފައިސާ ނަގައިގެން ހައްޖަށް މީހުންގެންދިއުމުގައި ދިމާވި އިހުމާލުތަކަށް ފަރުވާ އެއް ހޯދުމުގެ މަގުސަދުގައިކަމަށެވެ.

ޕްރައިވެޓު ހައްޖު ކުންފުނިތަކުން ޒަމާނުއްސުރެ ދެމުން އައި ހައްޖު އަދި އުމްރާގެ ހިދުމަތްތަކަށް އިންގިލާބީ ބަދަލުތަކެއް އައިސްފައިވާކަން ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ ހައްޖު ހިދުމަތް ހޯދުމަށް ދައްކާ އަގުގެ އިތުރަށް ފައިސާ ނުނަގައި ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ތަނަވަސްވެ ހައްޖު ކޯޓާ އަށް ސަލާން ނުޖަހައި ވަކި ނިޒާމެއްގެ ތެރެއިން ހައްޖު ކޯޓާ ލިބޭނެ ކަމުގެ ޔަގީންކަން ލިބިގެން ދިޔަކަމަށެވެ. އަދި މަކަރުވެރިކަމާއި އޮޅުވައިލުމުގެ ދަލެއްގައި ނުޖެހި ހައްޖަށް ގޮސް ފުރިހަމަ ހިދުމަތްތަކެއް ޒަމާނީ ފަސޭހަތަކާއެކު ލިބިގެން އެނބުރި އާއިލާ ގާތަށް ދިވެހިރާއްޖެއަށް އާދެވޭނެކަމުގެ އުއްމީދު ލިބިގެން ދިޔަކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކޮންމެ އަހަރަކު ވެސް ކިއުގެ ތަރުތީބުން ހައްޖަށް މީހުން ގެންދިއުމަކީ ހައްޖު ކޯޕަރޭޝަނުން ކުރަމުންދާ މަސައްކަތެއްކަން ހާމަކޮށް މިނިސްޓަރު ވިދާޅުވީ ކިއުއަށް އެއްވެސް ބަދަލެއް ގެނައުމަކީ ކުރާ ކަމެއްނޫން ކަމަށެވެ. ސަރުކާރުން ވަކި އާއިލާތަކެއް ފޮނުވަން ކޯޓާ ނަގާ ވާހަކަ ދޮގުކޮށް މިނިސްޓަރު ވިދާޅުވީ ޒަމާނުއްސުރެ ރާއްޖޭގައި ދައުލަތުން ރިޒާވްކުރާ ކޯޓާ ތަކެއް ހުންނަކަމަށެވެ. އަދި އެއީ ސަރުކާރުގެ މުއައްސަސާތަކުގެ ބޭނުމަށާއި، އުޒުރުވެރިންނާއި ހާއްސަ ހާލަތްތަށް ދިމާވާ ފަރާތްތަކުގެ ބޭނުމަށް ނުވަތަ ބަލި މީހުންގެ އެހީތެރިންނަށް ދޫކުރާ ކޯޓާތައް ކަމަށެވެ. އަދި މި ކޯޓާތައް އެ ފަރާތްތަކާއި ހަވާލުކުރަނީ އޮންނަ ގަވައިދާ އުސޫލުތަކުން ކަމަށާއި ނުގަވައިދުން ހައްޖު ކޯޓާ ނުދޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ހައްޖު ކޯޓާގެ ކަންކަން އިތުރަށް ހަރުދަނާ ކުރުމަށް އަލަށް ކަނޑައަޅުއްވާފައިވާ އުސޫލުގައި އަލަށް ހައްޖަށް ދާ ފަރާތްތަކަށް އިސްކަން ދިނުމަށް ހިމެނިފައިވާނެކަމަށާއި ކޮންމެ 5 އަހަރަކުން ނޫނީ ތަކުރާރުކޮށް ކޯޓާ ނުދިނުމަށްވެސް އުސޫލުގައި ކަނޑައެޅިފައިވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އުމުރުން 65 އަހަރުން މަތީ މީހުންނަށް ވަކި އިންސައްތައެއް ކޮންމެ އަހަރަކު ކަނޑައެޅުމަށް މި އުސޫލުގައި ހިމެނިފައިވާނެކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ މި ބަދަލުތައް ރައީސުލްޖުމުހޫރިއްޔާ ގެންނަވާފައިވަނީ އިސްލާމީ ދުނިޔޭގައި މިކަމުގައި އަމަލު ކުރަމުންދާ ގޮތްތައް ބައްލަވައި ދިރާސާކުރުމަށް ފަހު، ވަޒީރުންގެ މަޖްލީހުގެ ބައްދަލުވުމުގައި މަޝްވަރާކުރެއްވުމަށް ފަހުގައިކަމަށާއި މި ކަންކަން ތަންފީޒުވެގެންދާނީ 1447 ވަނަ އަހަރުގެ ހައްޖުގައިކަމަށެވެ.