ހިއްކުމަށްފަހު ބޭނުންނުކުރެވި ހުރި ބިންބިމުގައި އަސާސީ ބިނާރު ގާއިމުކުރުމުގެ ބިޔަ މަޝްރޫއެއް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާނޭކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ބ.އަތޮޅު މީހުން ދިރިއުޅޭ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ އަތޮޅު އޭދަފުށީ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ އޭދަފުށީގެ ހިއްކި ސަރަޙައްދަށް ބޭނުންވާ ފެނާއި ނަރުދަމާ އާއި ކަރަންޓުގެ ހިދުމަތް ގާއިމުކުރުމުގެ މައްސަލައަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ރައީސް ވިދާޅުވީ މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުރިމަތިވެފައިވާ، ދުވަސްވީ މައްސަލައެއް ކަމަށެވެ. އެހެންކަމުން، ބޭނުންނުކުރެވި ހުރި ހިއްކި ބިންބިމުގައި އަސާސީ ބިނާރު ގާއިމުކުރުމުގެ ބިޔަ މަޝްރޫއެއް ހިންގެވުން، ނިއު ޕޮލިސީ އިނީޝިއަޓިވެއްގެ ގޮތުގައި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައި، ވަކި ތަރުތީބަކުން އެ މައްސަލަ ހައްލުކުރައްވާނެ ކަމަށެވެ.
އޭދަފުށީގެ ތަރައްގީއަށް ވެވަޑައިގަންނަވާފައިވާ ރިޔާސީ ވައުދުތަކަށް އިޝާރާތްކުރައްވައި، އެވައުދުތަކާ ގުޅުންހުރި ގިނަ ދާއިރާތަކުން ކުރައްވާ މަސައްކަތްތަކުގެ އަދާހަމަ އެ މަނިކުފާނު ވަނީ ހިއްސާކުރައްވާފައެވެ. އެގޮތުން، 1000 ހައުސިން ޔުނިޓު ގާއިމުކުރުމުގެ މަސައްކަތުގެ އަމަލީ މަސައްކަތް މި އަހަރު ފައްޓަވައި، މި ދައުރުގެ ތެރޭގައި ނިންމަވާނޭކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ބަނދަރުގެ މަސައްކަތް ނިމޭނޭ ކަމަށް ކަމާބެހޭ ފަރާތްތަކުން އަންދާޒާ ކުރައްވާކަމަށާއި، އިންޑޯ މަލްޓި ސްޕޯޓްސް ކޮމްޕްލެކްސް އެއް ގާއިމުކުރެއްވުމުގެ އަމަލީ މަސައްކަތް މި އަހަރު ފައްޓަވާނޭކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން މި އަހަރުގެ ތެރޭގައި ޔޫއެސް ޑޮލަރުގެ ހިދުމަތް ދޭ އޭޓީއެމް އެއް ގާއިމުކޮށްދެއްވާނޭކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި އަލަށް ގޯތި ދޫކުރާ ސަރަޙައްދަށް އެކްސްޓެންޝަން ހިމެނޭ ގޮތަށް، ރަށުގެ ކަރަންޓާއި ފެން ފަދަ ޔުޓިލިޓީ ހިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް، މި އަހަރާއި އަންނަ އަހަރު ވުނަކުރައްވާނޭކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ. އިތުރަށް ރައީސް ވިދާޅުވީ އޭދަފުށި ވެސް ހިމެނޭހެން، ކޮންވެންޝަން ސެންޓަރުތައް ގާއިމުކުރައްވާނޭކަމަށް ވައުދުވެވަޑައިގެންފައިވާ ރަށްރަށުގައި، އަންނަ އަހަރު އެ މަސައްކަތް ފައްޓަވާނޭކަމަށެވެ.
ކައުންސިލްތަކުގެ އިލްތިޒާމަކީ، ސަރުކާރުން ކަނޑައަޅުއްވާ ސިޔާސަތުތައް ތަންފީޒުކުރެއްވުމާއި ރައްޔިތުންނަށް ހިދުމަތް ކުރެއްވުން ކަންވެސް އެ މަނިކުފާނު ހަނދުމަކޮށްދެއްވިއެވެ. އަދި ސިޔާސީ ވިސްނުން އެއްގޮތް ނުވިކަމުގައިވިޔަސް، ތަރައްގީގެ ވިސްނުން އެއްގޮތްކުރެއްވުމަށް އެ މަނިކުފާނު ކައުންސިލްތަކަށް އިލްތިމާސްކުރެއްވިއެވެ.