ރައްޔިތުން މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު، އިބްރާހިމް ޝުޖާއުގެ ހިއްސާ އޮންނަ ކުންފުނިތަކާއި ގުޅޭ ގޮތުން އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ) އިން ތައްޔާރުކުރި ރިޕޯޓާ ގުޅިގެން ތަހުގީގެއް ފުލުހުން ފަށާފައިވާ ދަނޑިވަޅެއްގައި ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އޭނާ ވަކިކޮށްފިއެވެ.

އެގޮތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި މާލިއްޔަތު ކޮމިޓީގައި އިންނެވި ޝުޖާއުގެ ބަދަލުގައި ގުރައިދޫ ދާއިރާގެ ޕީއެންސީގެ މެންބަރު ހަނާން މުހައްމަދު ރަޝީދު ހަމަޖައްސާފައިވާކަން މަޖިލީހުގެ ރިޔާސަތުން ވަނީ އިއުލާނުކޮށްފައެވެ.

މާލިއްޔަތު ކޮމިޓީން ޝުޖާއު ވަކިކޮށްފައިވަނީ މިއަދު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އެ ކޮމިޓީއަށް ހާޒިރު ކުރަން ތަވާލުކޮށްފައި ވަނިކޮށެވެ. މާލިއްޔަތު ކޮމިޓީން ވަކިކޮށް ޝުޖާއު ވަނީ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއަށް ބަދަލުކޮށްފައެވެ.

ފާހަގަކުރެވޭ ގޮތުގައި ޝުޖާއުގެ ހިއްސާ އޮންނަ ކުންފުނިތަކަކަށް ނާޖާއިޒު ފައިދާ ލިބޭ ގޮތަށް މިދިޔަ 2 އަހަރުގެ ތެރޭގައި ހިންގާފައިވާ ކަމަށް ބުނާ ބައެއް މުއާމަލާތްތަކާ ގުޅޭ ގޮތުން އެފްއައިޔޫއިން ތައްޔާރުކުރި ކަމަށް ބުނާ ރިޕޯޓެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. އެ މައްސަލައިގެ ތަހުގީގު ފަށާފައިވާ ކަމަށް ފުލުހުން ބުނެފައިވީ ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ދީފައެއް ނުވެއެވެ.

ޝުޖާއުގެ ހިއްސާ އޮންނަ ކުންފުނިތަކާ ގުޅޭ ގޮތުން ތައްޔާރުކޮށްފައިވާ އެފްއައިޔޫ ރިޕޯޓުގައިވާ ގޮތުން ޝުޖާއުގެ އޮފިޝަލް އިވެންޓްސްއާ އެކު އިތުރު ހަތަރު ކުންފުންޏަކުން މުއާމަލާތް ހިންގާފައި ވެއެވެ. އޭގެ ތެެރޭގައި ހިމެނެނީ ސްވޯން ފެމިލީ، ސްޓޯ ޕްރޯސް ޓްރޭޑިން، ކުއިކް ޝުއާ އަދި ޑީކިއު ހޯލްޑިންސް އެވެ.

އެ ރިޕޯޓު ތައްޔާރުކޮށްފައިވަނީ ޝުޖާއުގެ އިތުރުން އޭނާއާ އާއިލީ ގުޅުން އޮންނަ، ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ނާފިޒްގެ އިތުރުން އޮފިޝަލް އިވެންޓްގެ އެއް ހިއްސާދާރު އަދި ޕީއެސްއެމްގެ ބޯޑު މެންބަރު، އަހްމަދު އަދުހަމް އާ ބެހޭ ގޮތުންނެވެ. މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން ފިނޭންސް މިނިސްޓްރިން 13 ނޮވެމްބަރު 2023 ގައި ސިވެކަށް 23 މިލިއަން ރުފިޔާ ދެއްކިއެވެ. އަދި އެ ފައިސާގެ ތެރެއިން 13 މިލިއަން ރުފިޔާ އޮފިޝަލް އިވެންޓްސް އަށް ދޫކުރި ކަމަށާއި، އެ އިވެންޓާ ގުޅުވައިގެން ސިވެކުން ޑީކިއު ހޯލްޑިންސްއަށް 4.2 މިލިއަން ރުފިޔާ އަދި ކުއިކް ޝުއާއަށް 2.3 މިލިއަން ރުފިޔާ ޖަމާކުރި ކަމަށް ބުނެފައިވެއެވެ.

މި ރިޕޯޓު އާންމުވުމާއި ގުޅިގެން އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ޝުޖާއު ވަނީ އެ ރިޕޯޓުގެ ސައްހަ ކަމާ މެދު، ސުވާލު އުފައްދާފައެވެ. ސަބަބެއްގެ ގޮތުގައި ޝުޖާއު ފާހަގަކުރެއްވީ އެކަމުގެ އެއްވެސް މައުލޫމާތެއް އެއްވެސް ރަސްމީ އިދާރާއަކުން އޭނާއަށް ލިބިފައި ނުވުމެވެ.