ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ހިންގަމުން އަންނަ ރެއިޑް އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ ބިދޭސީން ބަލާ ފާސްކޮށްފިއެވެ.
އިމިގްރޭޝަނުން ބުނީ އިއްޔެ ހެނދުނު މ.އަސަރީހިނގުން އަދި އަސަރީ ގޯޅިގައި ބިދޭސީން ހަރަކާތްތެރިވާ ތަންތަނަށް އަމާޒުކޮށްގެން އެފަދަ ހާއްސަ ރެއިޑު އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
އަދި އެ އޮޕަރޭޝަނުގައި ޖުމްލަ 57 ފަރާތެއް ޗެކްކޮށް، ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދިއަ 09 ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އެ އިދާރާއިން މައުލޫމާތު ދިނެވެ. މީގެ ތެރޭގައި ހިމެނެނީ 8 ފިރިހެނަކާއި 1 އަންހެނަކު ކަމަށްވެސް އިމިގްރޭޝަނުން ބުނެއެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ވަށާޖެހޭ ހައްލެއް ގެނައުމަށްޓަކައި ރާއްޖޭގައި މިވަގުތު ތިބި ބިދޭސީން ގަވާއިދަށް ފެއްތުމަށްދަނީ މަސައްކަތް ކުރަމުންނެވެ.
އެގޮތުން ރާއްޖޭގައި ގަވާއިދާ ހިލާފަށް ދިވެހިންނަށް ކުރެވެން ހުރި ވިޔަފާރިތަކުގައި ހަރަކާތްތެރިވަމުންދާ ބިދޭސީންގެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާ ފިޔަވަޅު އަޅަމުންދާނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.
އަދި އެކަން ތަންފީޒު ކުރުމަށް އިމިގްރޭޝަނުން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވެސް ހާއްސަ އޮޕަރޭޝަންތައް ހިންގަމުންނެވެ. މި އޮޕަރޭޝަންތަކުގައި އެތައް ބިދޭސީންނެއް އަތުލައިގަނެފައިވާއިރު، ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން މޮނިޓާކުރުމަށް އިމިގްރޭޝަނުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މާލޭގެ އާންމު ތަންތަނުގައި އޮފިސަރުން އޮބްޒާވޭޝަން މަސައްކަތްތައް ވެސް މިހާރު ދަނީ ކުރިއަށެވެ.