މި އަހަރުތެރޭ ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1.18 މިލިއަނަށް އަރާފައިވާ އިރު މިއަހަރު ތެރޭ ފަތުރުވެރިން އަންނާނެ ކަމަށް އަންދާޒާ ކުރި އަދަދުގެ 51.5 ޕަސެންޓް ހާސިލްވެއްޖެއެވެ.

ރާއްޖޭގެ އިގްތިސޯދު ބަރޯސާ ވެފައިވާ އެއް ސިނާއަތަކީ ފަތުރުކަމުގެ ސިނާއަތަށް ވާއިރު، ސަރުކާރުގެ ފަރާތުން ފަތުރުވެރިކަން ފުޅާކޮށް ކުރިއެރުވުމަށް އަންނަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. ނިމިދިޔަ އަހަރު 2.05 ފަތުރުވެރިން ރާއްޖެ އައިސްފައިވާ އިރު، މި އަހަރު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު 2.3 މިލިއަންނަށް އަރާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

އެގޮތުން ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބަށް ބަލާއިރު، އިއްޔެ އާ ހަމައަށް ރާއްޖެއަށް މިވަނީ 1،184،400 ފަތުރުވެރިން އައިސްފައެވެ. މިއީ ރާއްޖެއަށް ޒިޔާރަތްކުރާނެ ކަމަށް ސަރުކާރުން ކަނޑައެޅި 2.3 މިލިއަން ފަތުރުވެރިންގެ އަމާޒަށް ވާސިލް ވުމަށް ކުރާ މަސައްކަތުގެ ތެރެއިން މިއަހަރުގެ 190 ދުވަސް ތެރޭ ހާސިލްވި ވަރަށް ބޮޑު ކުރިއެރުމެކެވެ. އެ މުއްދަތުގައި މި ވަނީ އަމާޒަށް ވާސިލް ވުމަށް 50 ޕަސެންޓް ހާސިލްވެފައެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމު ކުރި ތަފާސްހިސާބަށް ބަލާއިރު، މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް މި އަހަރު ތެރޭ ރާއްޖެއަށް ވަނީ 1،184،400 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ އިރު، މިދިޔަ އަހަރު ތެރޭ މި މުއްދަތުގައި ރާއްޖެއަށް ވަނީ 1،081،194 ފަތުރުވެރިން އައިސްފައެވެ. 2023 ވަނަ އަހަރު ތެރޭ މި މުއްދަތުގައި ވަނީ 988،739 ފަތުރުވެރިން އައިސްފައެވެ.

ފަތުރުވެރިން ޒިޔާރަތްކުރި މިންވަރަށް ބަލާއިރު މިދިޔަ ޑިސެމްބަރު މަހު ރާއްޖެއަށް 217،392 ފަތުރުވެރިން އައިސްފައިވާ އިރު، މި އަހަރުތެރޭ ތިން މަސް ދުވަހުގެ ތެރޭގައި ވެސް 2 ލައްކައަށް ވުރެ ގިނަ ފަތުރުވެރިން އައިސްފައި ވެއެވެ. ތިން މަހުގެ ތެރެއިން އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ ޖެނުއަރީ މަހުގައެވެ.

ރާއްޖެއަށް ޗައިނާއިން އައި ފަތުރުވެރިންތަކެއް

ޒިޔާރަތްކުރި ފަތުރުވެރިން

  • ޖެނުއަރީ - 214،863 ފަތުރުވެރިން
  • ފެބްރުއަރީ - 214،091 ފަތުރުވެރިން
  • މާޗް - 203،464 ފަތުރުވެރިން
  • އޭޕްރީލް - 198،322 ފަތުރުވެރިން
  • މެއި - 135،614 ފަތުރުވެރިން
  • ޖޫން - 141،722،ފަތުރުވެރިން
  • ޖުލައި 13 ވަނަ ދުވަހާ ހަމައަށް - 76،270 ފަތުރުވެރިން

ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުން ދައްކާ ގޮތުގައި ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ގައުމުގެ އެއްވަނައިގައި އޮތީ ޗައިނާ، ދެވަނައިގައި ރަޝީއާ އަދި ތިން ވަނައިގައި ޔޫކޭ އެވެ.

އެންމެ ގިނަ ފަތުރުވެރިން އައި ގައުމުތައް:

  • ޗައިނާ - 160،848 ފަތުރުވެރިން
  • ރަޝިއާ - 137،597 ފަތުރުވެރިން
  • ޔޫކޭ - 114،113 ފަތުރުވެރިން
  • އިޓަލީ - 89،156 ފަތުރުވެރިން
  • ޖަރުމަނު -85،837 ފަތުރުވެރިން
  • އިންޑިއާ - 70،496 ފަތުރުވެރިން
  • ޔޫއެސްއޭ - 36،951 ފަތުރުވެރިން
  • ފްރާންސް - 36،128 ފަތުރުވެރިން
  • ސްވިޓްޒަލޭންޑް - 23،847 ފަތުރުވެރިން
  • އޮސްޓްރޭލިއާ - 22،837 ފަތުރުވެރިން

މި އަހަރު ތެރޭ ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ ތެރެއިން 72 ޕަސެންޓް ފަތުރުވެރިން، 860،970 ފަތުރުވެރިން އައިސްފައިވަނީ ރިސޯޓްތަކަށެވެ. އަދި 2322.35 ޕަސެންޓް ފަތުރުވެރިން، 264،348 ފަތުރުވެރިން އައިސްފައި ވަނީ ގެސްޓް ހައުސްތަކަށެވެ. ހޮޓެލްތަކަށް 2.7 ޕަސެންޓް ފަތުރުވެރިން އައިސްފައިވާ އިރު ފަތުރުވެރި އުޅަނދުތަކަށް ވަނީ 2.2 ޕަސެންޓް ފަތުރުވެރިން އައިސްފައެވެ.

އެއާ އެރެބިއާގެ ފްލައިޓުން އައި ފަތުރުވެރިންނަށް މަރުހަބާ ކިޔަނީ / ފޮޓޯ: އެމްއޭސީއެލް

ރާއްޖޭގައި މިވަގުތު އޮޕަރޭޝަނަލް ހާލަތުގައި 64،401 އެނދު ހުރިއިރު އޭގެތެރޭގައި 175 ރިސޯޓުގައި ހުރި 44،047 އެނދު، 878 ގެސްޓްހައުސްގައި 14،882 އެނދު، 16 ހޮޓާގައި 2310 އެނދު އަދި 159 ސަފާރީ އުޅަނދު ފަހަރުގައި ހުރި 3162 އެނދު ހިމެނެއެވެ.

މި އަހަރު ތެރޭ އެންމެ ގިނަ ފަތުރުވެރިން އައި ރިކޯޑު މުގުރާލާފައި ވަނީ 9،605 ފަތުރުވެރިން ރާއްޖެއަށް އައި މާޗް މަހުގެ 29 ވަނަ ދުވަހެވެ.

ފަތުރުވެރިކަމުގެ ހިދުމަތުގައި ރާއްޖެ ހޭދަ ކުރި 53 އަހަރުގެ މުއްދަތުގެ ތެރޭގައި އެންމެ ގިނަ ފަތުރުވެރިން އައި މަހަކަށް ވެފައި ވަނީ މިދިޔަ އަހަރުގެ ފެބްރިއަރީ މަހެވެ. އެ މަހު 217،392 ފަތުރުވެރިން އައިސްފައި ވެއެވެ. އަދި އެއް ދުވަހެއްގެ މަތިން އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް އައިސްފައި ވަނީ މިދިޔަ އަހަރު ފެބްރުއަރީ 10 ވަނަ ދުވަހުއެވެ. އެ ދުވަހު 10،213 ފަތުރުވެރިން އައިސްފައި ވެއެވެ.