ގަވާއިދާ ހިލާފަށް އުޅެމުންދިޔަ ބިދޭސީންތަކެއް އަތުލައިގެންފިއެވެ.
އިމިގްރޭޝަނުން ބުނީ، ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން ހޯދުމަށް ޓާސްކްފޯސްއިން ހިންގަމުންދާ އޮޕަރޭޝަންތަކުގައި، އިއްޔެ ހުޅުމާލޭގައި ހިންގަމުންދާ 05 ކެފޭ/ޓޭކްއަވޭ އެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
އަދި އެ ތަންތަނުގައި ގަވާއިދާ ހިލާފަށް މަސައްކަތްކުރަމުންދިއަ 04 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ވެސް އެ އިދާރާއިން މައުލޫމާތު ދިނެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ވަށާޖެހޭ ހައްލެއް ގެނައުމަށްޓަކައި ރާއްޖޭގައި މިވަގުތު ތިބި ބިދޭސީން ގަވާއިދަށް ފެއްތުމަށްދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ރާއްޖޭގައި ގަވާއިދާ ހިލާފަށް ދިވެހިންނަށް ކުރެވެން ހުރި ވިޔަފާރިތަކުގައި ހަރަކާތްތެރިވަމުންދާ ބިދޭސީންގެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާ ފިޔަވަޅު އަޅަމުންދާނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.
މިއަހަރު މިހަތާނަށް އައިއިރު މި އަދަދު ވަނީ 6992 އަށް އަރާފައެވެ. ސަރުކާރުން ބުނާ ގޮތުގައި މިއީ މީގެ ކުރީ 5 އަހަރުތެރޭ، 2018 އިން 2023 އާ ދެމެދު ބިދޭސީން ފުރުވާލި މިންވަރަށް ބާލާއިރު 263 ޕަސެންޓް އިތުރު އަދަދެކެވެ.
އިމިގްރޭޝަނުން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވެސް ހާއްސަ އޮޕަރޭޝަންތައް ހިންގަމުންނެވެ. އަދި މި އޮޕަރޭޝަންތަކުގައި އެތައް ބިދޭސީންނެއް އަތުލައިގަނެފައިވާއިރު، ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން މޮނިޓަރކުރުމަށް އިމިގްރޭޝަނުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މާލޭގެ އާންމު ތަންތަނުގައި އޮފިސަރުން އޮބްޒާވޭޝަން މަސައްކަތްތައް ވެސް މިހާރު ދަނީ ކުރިއަށެވެ.
މީގެއިތުރުން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ލައްވާ މަސައްކަތް ކުރުވުމަކީވެސް ގާނޫނީ ކުށެއް ކަމަށާއި، އެފަދަ މަސައްކަތްކުރުވާ ފަރާތްތަކާ މެދު ޤާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އެ ކޮމިޝަނުން މީގެކުރިން ދީފައި ވެއެވެ.