މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިހް އިބްރާހިމް ފަރީދު އަހްމަދުގެ ޖަނާޒާ މާދަމާ މެންދުރު ނަމާދަށްފަހު ބޭއްވުމަށް ހަމަޖައްސައިފިއެވެ.

ފަރީދު އަވަހާރަވީ އިއްޔެގެ ވަގުތެއްގައި މެލޭޝިއާގައެވެ. ފަރީދު މެލޭޝިއާއަށް ވަޑައިގަތީ ހިދުމަތް ޖަމިއްޔާގެ ޓީމާއެކު ދަރުހެއް ދިނުމަށެވެ. ނަމަވެސް އެއާޕޯޓުގައި ހުންނަވަނިކޮށް ކުއްލިއަކަށް ވެއްޓި އަވަހާރަވުމާއެކު އާއިލާއިން މަސައްކަތް ކުރީ ޖަނާޒާގެ ކަންކަން ކުރުމަށް ރާއްޖެ ގެނެއުމަށެވެ.

ނަމަވެސް ޕޯސްޓްމޯޓަމް ހަދަން ޖެހުމާއި ގުޅިގެން ރާއްޖެ ނުގެނެސް މެލޭޝިއާގައި ޖަނާޒާ ބޭއްވުމަށް ނިންމިއެވެ. އެއާއެކު މެލޭޝިއާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނުން މިރޭ ކުރި ޕޯސްޓެއްގައި ބުނީ، ޝެއިހް ފަރީދުގެ މޫނު ދެއްކުން އޮންނާނީ މާދަމާ މެންދުރު 11:00 އާއި 12:30 އާ ދެމެދުއެވެ.

އަދި ކަށުނަމާދު އޮންނާނީ މާދަމާ މެންދުރު ނަމާދަސް ފަހު މެލޭޝިއާގެ ރާޖާ ހާޖީ ފީސަބީލިއްލާހި މަސްޖިދުގައި ކަމަށް ވެއެވެ. އަދި ވަޅުލުމަށް ހަމަޖެހިފައި ވަނި ޓަނާހް ޕެރްކުބުރަން ރައުދަތުލް ބާގީގައެވެ. އާއިލާއާއި ހެޔޮއެދޭ ފަރާތްތަކުން އެދެނީ ވީހާވެސް ގިނަ ބަޔަކު ޖަނާޒާގައި ބައިވެރިވެދިނުމަށެވެ.

ފަރީދުގެ ޣައިބަށް ކުރާ ކަށުނަމާދު ހުކުރު ދުވަހު ހުކުރު ނަމާދަށްފަހު، ރާއްޖޭގެ ހުކުރުކުރާ ހުރިހައި މިސްކިތެއްގައި ކުރުމަށް ނިންމާފައިވެއެވެ. ފަރީދު އަވަހާރަވީ އުމުރުފުޅުން 53 އަހަރުގައެވެ. އޭނާ އަކީ ރާއްޖޭގައި ދީނީ އިލްމު ފެތުރުމުގެ އިތުރުން އިސްލާހީ ހަރަކާތްތަކުގައިވެސް އިސް ސަފުން ފެނިގެންދިޔަ ޝަހުސެއްވެސް މެއެވެ.