ގްރޭޓަރ މާލެ ސަރަހައްދުން ކަރަންޓް ކެނޑިފައިވާ މައްސަލަ ފުލުހުން ތަހްގީގުކުރަން ފަށައިފިއެވެ.

ފުލުހުން ބުނީ މާލެ ސަރަހައްދުން ކަރަންޓް ކަނޑުނު މައްސަލައިގައި ކަން ހިނގި ގޮތް ބެލުމަށް ފުލުހުންގެ ހާއްސަ ތަހްގީގެއް ފަށާފައިވާ ކަމަށެވެ.

މިއަދު މެންދުރު މާލެ، ހުޅުމާލެ، އަދި ހުޅުލެއިން ކަރަންޓް ކެނޑިފައިވާ އިރު އަދި ވެސް ހުރިހާ ސަރަހައްދަކަށް އަދި ވެސް ކަރަންޓް ނާދެއެވެ. މާލެ ސަރަހައްދުގައި ހިމެނޭ ވިލިމާލެއިން ކަރަންޓް ނުދާ އިރު ސްޓެލްކޯއިން ވަނީ މާލެ އަދި ހުޅުމާލޭގެ ޖެނެރޭޓަރުތައް އަލުން ޖަސަން ފަށާފައެވެ. އަދި އައިޗީއެމްއެޗް ހޮސްޕިޓަލް އަދި ދަރުމަވަންތަ ހޮސްޕިޓަލަށް ކަރަންޓް ދީފައިވާ ކަމަށް ވެސް ސްޓެލްކޯއިން ވަނީ ބުުނެފައެވެ.

މިމައްސަލައިގައި ފުލުހުން ތަހްގީގެއް ފެށީ ގްރޭޓާ މާލެ ސަރަހައްދުން ކަރަންޓު ކެނޑުނު މައްސަލަ ސީރިއަސް މައްސަލައިގެ ގޮތުގައި ބެލުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގާފައިވަނިކޮށެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ މާލެ، ހުޅުމާލެ އަދި ހުޅުލެ ހިމެނޭހެން ކަރަންޓު ގޮސްފައިވާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ކަމާބެހޭ ފަރާތްތަކުގައި ދަންނަވާފައިވާ ކަމަށެވެ.

މިފަދަ ކަމެއް ތަކުރާރު ނުވާނޭހެން ކަރަންޓުގެ ހިދުމަތުގެ ކަންކަން އިންތިޒާމް ކުރަން ކުރަންޖެހޭ ހުރިހާ ކަމެއް ސަރުކާރުން ކުރާނެ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.