އދ. ހަންޏާމީދޫ ގޮނޑުދޮށް ހިމާޔަތް ކުރުމަށް 46.2 މިލިއަން ރުފިޔާގެ މަޝްރޫއު ސަރުކާރުން އެމްޓީސީސީއާ ހަވާލު ކޮށްފިއެވެ.

މި މަޝްރޫއު ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔާޑް) އަހްމަދު ސައުދީއެވެ. ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިބްރާހިމް ނަޒީމެވެ.

މި މަޝްރޫއުގެ ދަށުން ކުރާ މަސައްކަތްތައް:

  • 14,322.75 ކިއުބިކް މީޓަރުގެ ރާޅު ވެލިއެޅުން
  • 14,322.75 ކިއުބިކް މީޓަރުގެ ހިމުން ވެލި އެޅުން
  • 455 މީޓަރުގެ ބޮޑު ހިލައިގެ ބޭރު ތޮއްޓެއް ލުން
  • 440 މީޓަރުގެ ބޮޑު ހިލައިގެ ގްރޮއިން ޖެހުން

މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައި ވަނީ އެންވާރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓެއް ހެދުމަށް ފަހުގައެވެ. މި މަޝްރޫއަކީ 46.20 މިލިއަން ރުފިޔާއަށް 240 ދުވަސްތެރޭ ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

760 މީހުންގެ އާބާދީއެއް އޮންނަ ހަންޏާމީދޫ ރައްޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ރަށްގިރުމުގެ މައްސަލަ ކަމަށެވެ. ރަށްގިރަމުން ދިއުމުގެ ސަބަބުން ރަށުގެ ރީތި ގޮނޑުދޮށް ވެސް ވަނީ އެއްކޮށްހެން ގިރައި ހުސްވެފައެވެ.

ހަންޏާމީދޫއަކީ ފަތުރުވެރިކަމުން އާމްދަނީ ހޯދާ ރައްޔިތުން ގިނަ ރަށަކަށް ވެފައ،ި ރަށުގެ ރީތި ގޮނޑުދޮށް ގިރައިގެން ދިއުމަކީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ އެ ރަށު ރައްޔިތުންގެ ވަރަށް ބޮޑު ޝަކުވާއެކެވެ، އެގޮތުން މިއަދު ސޮއި ކުރ،ި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިމުމާއެކު ރަށްގިރުމުގެ މައްސަލައަށް ބޮޑު ހައްލެއް ލިބި ރަށުގެ ގޮނޑުދޮށް އިޔާދަކުރެވިގެން ދާނެ ކަމަށް އެމްޓީސީސީން ބުނެއެވެ. މިކަމުގެ ސަބަބުން އިޖުތިމާއީ ގޮތުންނާއި އިގުތިސޯދީ ގޮތުން އެ ރަށަށް ގިނަ ފައިދާތަކެއް ކުރާނެކަމަށް ވެސް އެމްޓީސީސީން ބުނެއެވެ.