އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ބޭނުންކޮށް ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދި ހޯދުމަކީ ދުރާލާ ރާވައިގެން ހިންގާފައިވާ ކުށުގެ އަމަލެއް ކަމަށް ފުލުހުން ބުނެފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަހްމަދު އަޒްމަތު އަބްދުﷲ ވިދާޅުވީ މި މައްސަލައާ ގުޅޭ މައުލޫމާތު ލިބިފައި ވަނީ މާޗު މަހުގެ 20 ވަނަ ދުވަހު ކަމަށާއި ހަމަ އެ ދުވަހު މައްސަލަ ރަޖިސްޓްރީ ކުރެވި މައްސަލަ ބަލަން ފެށި ކަމަށެވެ.

މިއިީ އޭރުގެ ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދުއަށް އެނގިގެން ދުރާލާ ރޭވިގެން ހިންގާފައިވާ ކުށުގެ އަމަލެއްކަން ތަހުގީގަށް ދެނެގަނެވިފައިވާކަން ފާހަގަކުރައްވާ އަޒްމަތު ވިދާޅުވީ މި މައްސަލައިގެ ތަހުގީގު ނިމި ދައުވާ ކުރުމަށް މި މަހުގެ 11 ވަނަ ދުވަހު ޕީޖީއަށް ފޮނުވާފައިވާ ކަމަށެވެ.

މި މައްސަލައިގެ ތަފްސީލް ދެމުން ފުލުހުން ބުނީ މިދިޔަ މާޗު މަހުގެ 12 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި މާފަންނުގައި ހުރި ގެއެއްގައި ދިރިއުޅޭ ބިދޭސީ މީހުންތަކަކަށް އަމާޒުކޮށް އިމިގްރޭޝަނުގައި މަސައްކަތް ކުރާ މުވައްޒަފުން ހިންގި ރެއިޑް އޮޕަރޭޝަނަކީ އިމިގްރޭޝަނުން އަމަލުކުރަމުންދާ އުސޫލުތަކާ ހިލާފަށް، ފުރިހަމަ ކުރަންޖެހޭ ލިޔެކިޔުންތައް ފުރިހަމަ ނުކޮށް ހިންގާފައިވާ ރެއިޑް އޮޕަރޭޝަނެއް ކަމަށެވެ.

ފުލުހުން ބުނީ މި ރެއިޑް އޮޕަރޭޝަން ކުރިއަށް ގެންގޮސްފައި ވަނީ އެފަދަ އޮޕަރޭޝަން ހިންގުމުގެ ހުއްދަ އޮންނަ ރިސްކް މެނޭޖްމެންޓް ސިސްޓަމް އަދި އެންފޯސްމެންޓް އެންޑް ކޮމްޕްލެއިންސްއިން އުފައްދާ ޓާސްކް ފޯސްގައި މަސައްކަތް ކުރާ މުވައްޒަފުންތަކެއް ނޫން ކަމަށެވެ. އެހެންކަމުން މިއީ މިފަދަ އޮޕަރޭޝަނެއް ހިންގުމުގެ މަސްއޫލިއްޔަތު ލިބިފައިވާ މުވައްޒަފުންތަކެއް ނޫންކަން ފުލުހުން ފާހަގަ ކުރެއެވެ.

ރެއިޑް ކުރިއަށް ގެންދިޔަ އިމިގްރޭޝަންގެ 3 މުވައްޒަފުންނަކީ:

  • ގ.ހެޕީސައިޑް އުމުރުން 37 އަހަރުގެ އިބްރާހިމް އަހްމަދު
  • މ.ހަޒާރީވިލާ އުމުރުން 40 އަހަރުގެ އަހްމަދު ލައްސާނު
  • ތ. ބުރުނި، މޫނިމާގެ އުމުރުން 21 އަހަރުގެ މުހައްމަދު އަލްސަން އިސްމާއީލް

މި މުވައްޒަފުންނަކީ ކޮންޓްރޯލާ ޖެނެރަލްގެ ބިއުރޯ އަދި ބިއުރޯގެ ދަށުން ހިންގާ ޕްލޭނިން އަދި މީޑިއާގައި މަސައްކަތް ކުރާ ތިން މުވައްޒަފުން ކަމަށާއި އެ އޮޕަރޭޝަންގައި ހަތް ބިދޭސީ މަސައްކަތްތެރިން ހުއްޓުވައި ބަލައި ފާސްކުރިކަމަށް ފުލުހުން ބުނެފައި ވެއެވެ. އޭގެ ފަހުން އެފަދަ އޮޕަރޭޝަންތަކަށް ހާއްސަކޮށްފައިވާ އިމިގްރޭޝަންގެ ޓީމެއް އެރޭ ގެނެސް، އަލުން ސީން ޕްރޮސެސްކޮށް، ހައްޔަރު ކުރެވުނު ބިދޭސީންގެ ތަކެތި ސީލްކޮށް ޑިޓެންޝަން ސެންޓަރަށް ގެންގޮސްފައިވެއެވެ.

މި އޮޕަރޭޝަނުގައި އިމިގްރޭޝަނުން ހައްޔަރު ކުރި ބިދޭސީންތަކަކީ ގަވާއިދާ އެއްގޮތަށް ލިޔެކިޔުންތައް ހުރި ބިދޭސިން ކަމަށާއި ހައްޔަރުކުރި ބިދޭސީންގެ ތެރެއިން، އެކެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާ ފެނުނު އިރު މިދިޔަ މާޗް މަހުގެ 13 ވަނަ ދުވަހުގެ ދަންވަރު މ. ސްޓާ ކްލައުޑްގައި ހުންނަ އިމިގްރޭޝަންގެ އޮފީހަށް އޭނާ ގެންދިޔަ ކަމަށް ފުލުހުން ބުނެފައި ވެއެވެ. އޭނާ ދޫކޮށްލީ އޭނާގެ ސްޕޮންސަރުގެ ނަމުގައި ސްޕޮންސަރަށް ނޭނގި ފޮނުވި ސައްހަ ނޫން ސިޓީއަކާ ގުޅިގެން ޝަމްއާންގެ އިރުޝާދުގެ ދަށުން އެކަން "އާޖެންޓް" ކަމެއްގެ ގޮތުގައި އަމަލުކުރުމަށް އަންގައިގެންނެވެ.

ދޫކޮށްލި ބިދޭސީ މީހާއާ ސްޕޮންސަރުގެ ފަރާތުން ކަމަށް ބުނެ ހަވާލުވީ މީހާއަކީ މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވާ އިބްރާހިމް އަހްމަދުއަށް ބޮޑުބޭބެ ކިޔާ މީހެއް ކަމަށް ވެސް ފުލުހުން ބުނެއެވެ. ބިދޭސީ މީހާ ހައްޔަރު ކުރި އިރު އޭނާގެ އަތުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނައި ފައިސާ ވަނީ އޭނާ ދޫކޮށްލިއިރު ކޮތަޅަކަށް އަޅާފައި އަނބުރާ ހަވާލުކޮށްފައި ވެއެވެ. އަދި އެމީހާ ދޫކޮށްލުމުން އޭނާ ސްޕޮންސަރުގެ ހައިސިއްޔަތުން ހަވާލުވި މީހާ ސައިކަލެއްގައި ދިޔަ ނަމަވެސް ޝަހީދު އަލީ ހިނގުމުން އިމިގްރޭޝަން މުވައްޒަފަކާއެކު އޭނާ އިމިގްރޭޝަންގެ އުޅަނދަށް އެރިއެވެ.

އެ އުޅަނދު މާލޭގެ އެކި ސަރަހައްދުތަކުގައި ދުއްވާފައިވާ ބިދޭސީ މީހާ އޭނާ ދިރިއުޅޭ ގެ ހުންނަ ސަރަހައްދަށް ގެންދިއުމަށްފަހު މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވާ އިމިގްރޭޝަން މުވައްޒަފަކު ސައިކަލެއްގައި ވެލާނާ ބިލްޑިން ކައިރިއަށް ގޮސް އިމިގްރޭޝަންގެ އުޅަނދުން ފައިސާ އެޅި ކޮތަޅު ނަގައިގެން ޝަމްއާންގެ ގެއަށް އެ ކޮތަޅު ގެންގޮސްފައިވެއެވެ. ފުލުހުން ބުނެއެވެ. މި މައުލޫމާތު ލިބުމާއެކު ކޯޓު އަމުރެއްގެ ދަށުން އޭނާގެ ގެ ބަލައި ފާސްކުރި އިރު 257،475 ރުފިޔާ އާއި 10،000 ޑޮލަރު އަދި އެހެން ބައެއް ގައުމުތަކުގެ ފައިސާ ފެނިފައިވެއެވެ.