ހުޅުމާލޭގައި މީހުން އާބާދުވިތާ 21 އަހަރު ފުރުން ފާހަގަކުރުމަށް، އެޗްޑީސީ އާއި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވޮލަޕްމަންޓް ގުޅިގެން ފެމިލީ ކާނިވަލެއް ބޭއްވުމަށް ނިންމައިފިއެވެ.

އެޗްޑީސީ އިން ބުނީ މިއީ ހުޅުމާލޭގެ އަހަރީ ދުވަސް ފާހަގަކުރުމަށް، ހުޅުމާލޭގައި ދިރިއުޅޭ ހުރިހާ އާއިލާތަކުން އެއްތަނަކަށް އެއްވެ، ކުދި ބޮޑު އެންމެންވެގެން ހިތްގައިމު މަޖާ ވަގުތުކޮޅެއް ހޭދަކޮށްލެވޭ ގޮތަށް ރާވާފައިވާ ހަރަކާތެއް ކަމަށެވެ. އެގޮތުން، ކާނިވަލް ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 10 ވަނަ ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް ހުޅުމާލޭ ހިޔާ ޕާކުގައިކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

މި ކާނިވަލްގައި ކުޑަކުދިންނަށް ހާއްސަކޮށް ރޮބޯމޭންގެ ހުށަހެޅުމާއި އެކި ކަހަލަ ގޭމް ސްޓޯލްތަކާއި އިންފްލޭޓަބަލް ކާނިވާ ގޭމްސް ބެހެއްޓިފައި ހުންނާނެކަމަށް އެޗްޑީސީއިން ވަނީ ބުނެފައެވެ. އަދި އާއިލާ އެންމެންނަށް އިވެންޓުގެ ތެރެއިން °360 ފޮޓޯ އާއި ވީޑިއޯ ނެގޭ ގޮތަށް ބޫތު ބެހެއްޓިފައި ހުންނާނެކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ. ހަމައެހެންމެ މި އިވެންޓުގެ ތެރެއިން ހިލޭ ޑެންޓަލް ޗެކަޕް ހެދުމުގެ ފުރުސަތުވެސް ހުރިހާ ފަރާތްތަކަށް ލިބިގެންދާނެއެވެ.

ކާނިވަލްގައި ކުރިއަށްދާނެ ހަރަކާތްތައް:

  • ރޮބޯމޭން ޕާފޯމެންސް
  • އެކްޓިވިޓީ ސްޓޯލްތައް
  • ގޭމް ސްޓޯލްތައް
  • އިންފްލޭޓަބަލް ކާނިވާ ގޭމްސް
  • ފޮޓޯ/ވީޑިއޯ ބޫތު
  • ފޯމް ޕާޓީ
  • ފަޔާ ވެހިކަލް (ފޮޓޯ ނެގުމަށް)
  • ޓްރެފިކް ޕާކް
  • ޑެންޓަލް ޗެކަޕް

މި ކާނިވާ ކުރިއަށްގެންދަނީ އައިލެންޑް ބެވަރޭޖެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަދި އުރީދޫ މޯލްޑިވްސްގެ ވަރަށް ބޮޑު އެހީތެރިކަމާއެކުކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ. އެގޮތުން ކާނިވަލުގައި ފޯމް ޕާޓީ ކުރިއަށް ގެންދަނީ އުރީދޫގެ ފަރާތުންނެވެ. އަދި މި ކާނިވަލްގައި އައިލެންޑް ބެވަރޭޖެސްގެ ފަރާތުން ކުރިއަށްގެންދާ ވަރަށް ހާއްސަ ހަރަކާތްތަކެއްވެސް އޮންނާނެކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

މީގެ އިތުރުންވެސް މި ކާނިވަލް ކުރިއަށް ގެންދަނީ ގިނަ ބައެއްގެ ބައިވެރިވުމާއި އެއްބާރުލުމާއެކުކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ. އެގޮތުން، ފުލުހުންނާއި، އެމްއެންޑީއެފް، އެޗްޕީއޭ، ޓްރީޓޮޕް ހޮސްޕިޓަލް، ތެލެސީމިއާ ސޮސައިޓީ، މޯލްޑިވްސް އިސްލާމިކް ބޭންކް، މަމްސް އެންޖީއޯއާއި، ކިޑްސް ޒޯން، ޑޫ ގުޑް އެންޖީއޯގެ އިތުރުން އެޗްއާރުސީއެމް ހިމެނެއެވެ.

މި މަހުގެ 12 ވަނަ ދުވަހު ފާހަގަކުރާ ހުޅުމާލޭގެ 21 ވަނަ އަހަރީ ދުވަހާ ގުޅިގެން ގިނަ ހަރަކާތްތަކަކާއެކު ކުލަގަދަ ފެސްޓިވަލެއް ބޭއްވުމަށްވެސް އެޗްޑީސީން ވަނީ ނިންމާފައެވެ. އެގޮތުން، މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން ހަފްތާއަކަށް ދިގުދެމިގެންދާ ގޮތަށް ކުރިއަށްގެންދާ މި ފެސްޓިވަލްގެ ހަރަކާތްތައް އެކި ދުވަސްތަކަށް ބަހާލައިގެން ހުޅުމާލެގެ އެކި ސަރަހައްދުތަކުގައި އޮންނާނެއެވެ.