ތަމްރީން ހަދަނިކޮށް ހާލު ދެރަވި ފުލުސް މީހާ ހަބަރު ހުސްވެފައިކަން އިނގުނީ ފަތިސް ނަމާދަށް ގޮވުމުންވެސް ހަރަކާތެއް ނުކުރުމުން ކަމަށް ފުލުހުން ބުނެފިއެވެ.
ދ. ވާނީގައި ތަމްރީނު ހަދަމުން ދިޔަ ރެކްރޫޓް ފުލުހެއްގެ ހާލު ދެރަވެގެން އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުނީ މިރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައެވެ.
އެކަމާ ގުޅޭ އިތުރު ތަފްސީލް ހިއްސާ ކުރަމުން ފުލުހުން ބުނީ، އެ ފުލުސް މީހާ ހަބަރު ހުސްވެފައިކަން އިނގުނީ ވާނީގައި ހުންނަ ޕޮލިސް ޓްރެއިނިން ސެންޓަރުގައި ކުރިއަށްދާ 40 ވަނަ ޕޮލިސް އިނީޝިއަލް ޓްރެއިނިން ކޯހުގެ ދަރިވަރުންނަށް 'ވޭކް އަޕް' ކޯލް ދިނުމަށް މުދައްރިބުން ދަރިވަރުންގެ ބެރެކްސްތަކަށް ވަދެ ދަރިވަރުން ހޭލައްވަމުން ދިޔައިރު އޭނާއަށް ގޮވުމުންވެސް ހަބަރެއް ނުވެ ހަރަކާތެއްވެސް ނެތުމުން ކަމަށެވެ. އެއީ 34 އަހަރުގެ ފިރިހެން ރެކްރޫޓެއް ކަމަށް ފުލުހުން ބުނެއެވެ.
އެއާއެކު އޭނާ 04:27 ގައި މެޑިކަލް ރޫމަށް ގެންގޮސް އަވަސް ފަރުވާ ދޭން ފެށި ކަމަށާއި ޑޮކްޓަރުގެ ލަފާގެ މަތިން، 04:48 ގައި އިތުރު ފަރުވާއަށް ދ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދިން ކަމަށް ވެސް ފުލުހުން މައުލޫމާތު ދިނެވެ.
އަދި އެ ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު، 13:22 ގައި އެއާ އެމްބިއުލާންސްގައި މާލެ ގެނެސް މިހާރު ފަރުވާ ދެމުންދަނީ އައިޖީއެމްއެޗްގައި ކަމަށް ފުލުހުން ބުނެއެވެ. އަދި އޭނާގެ ހާލު ކްރިޓިކަލް ކަމަށާއި ފަރުވާދެމުންދަނީ ވެންޓިލޭޓަރުގައި ކަމަށް އެ އިދާރާއިން މައުލޫމާތު ދިނެވެ.
މީގެ ކުރިން ވެސް ފުލުހުންގެ ތަމްރީނު ހަދަމުންދިޔަ މީހުންނަށް އެކި އަނިޔާވެ ފަރުވާދީފައިވާއިރު ބައެއް މީހުން ވަނީ މަރުވެސް ވެފައެވެ. އެގޮތުން 2019 ވަނަ އަހަރުވެސް ދ. ވާނީގައި ޕޮލިސް ތަމްރީނު ހަދަމުން ދިޔަ މީހަކު ގެނބިގެން މަރުވެފައިވެއެވެ.