ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން ހޯދުމަށް ޓާސްކް ފޯސްއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން 4 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިމިގްރޭޝަން އިން ބުނީ، އިއްޔެ މާލޭގެ ހީނާމާގެ ޕާކިން ސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔަ 11 ބިދޭސީން ބަލައި ފާސްކޮށް، އޭގެތެރެއިން 4 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވާ ކަމަށެވެ. އެމީހުންނަކީ ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅެމުން އަންނަ ބިދޭސީން ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

މިއީ މި މަހުގައި ހިންގި ފުރަތަމރެއިޑް އޮޕަރޭޝަނަށް ވީ އިރު، މިދިޔަ މަހުގެ ތެރޭގައި ހިނގި ޖުމްލަ 9 ރެއިޑް އޕރޭޝަނުން ވަނީ 111 ބިދޭސީން އަތުލައިގެންފައެވެ. ހަމައެއާއެކު މިދިޔަ ރޯދަ މަހުގެ ތެރޭގައި 6 ރެއިޑް އޮޕަރޭޝަނެއްގެ ތެރެއިން ވަނީ ޖުމްލަ 60 ބިދޭސީން އަތުލައިގެންފައެވެ.

އޭޕްރީލް މަހުގެ ރެއިޑް އޮޕަރޭޝަންތަކުން 111 މީހުން އަތުލައިގެން

  • 3 އޭޕްރީލް - އާންމި ސިއްހަތަށް ނުރައްކާވާގޮތަށް ހިންގަމުންދިޔަ ކެފޭއަކުން 11 މީހުން އަތުލައިގެން
  • 6 އޭޕްރީލް - މާލޭގެ ކެފޭ، ހޮތާ އަދި ޓެކްއަވޭން ސައްހަ ވިސާ ނެތް 6 މީހުން އަތުލައިގެން
  • 7 އޭޕްރީލް - ހުޅުމާލޭގެ އެކޮމޮޑޭޝަން 4 ބްލޮކްއަކުން 8 މީހަކު އަތުލައިގެން
  • 8 އޭޕްރީލް - ސޯޝަލް ސެންޓަރާއި ވިލިމާލެ ފެރީޓަމިންލ ސަރަހއްދު ބަލައި 8 މީހަކު އަތުލައިގެން
  • 9 އޭޕްރީލް - ހުޅުމާލެ ފޭސް 1 އަދި 2 ގެ 4 ކެފޭ ބަލައި 5 މީހުން އަތުލައިގެން
  • 13 އޭޕްރީލް - މާލޭގައި ހިންގާ ފިހާރައަކުން އެކަކު އަތުލައިގެން
  • 20 އޭޕްރީލް - މާލޭ ބާޒާރުމަތީ ސަރަހައްދުގައި ހިންގާ ފިހާރަތަކުން 8 މީހުން އަތުލައިގެން
  • 23 އޭޕްރީލް - ދުވާފަރުގައި ހިންގި ހާއްސަ ރެއިޑުގައި 51 މީހުން އަތުލައިގެން
  • 27 އޭޕްރީލް - މާލޭގެ ޒިކުރާ މިސްކިތް އަދި ބޮނޑިބަތް ޕާކު ސަރަހައްދުން 13 މީހުން އަތުލައިގެން

މާޗް މަހުގެ ރެއިޑް އޮޕަރޭޝަންތަކުން 60 މީހުން އަތުލައިގެން

  • 4 މާޗް - ގަރާޖަކުން 2 މީހަކު އަތުލައިގެން
  • 5 މާޗް - ބިދޭސީން ވިޔަފާރި ކުރާ އައްޑާއަކުން 32 މީހަކު އަތުލައިގެން
  • 11 މާޗް - ހުޅުމާލޭ އެކޮމޮޑޭޝަން ބްލޮކް ކެފޭއަކާއި ފިހާރައަކުން 17 މީހުން އަތުލައިގެން
  • 13 މާޗް - މ. ހާމަނީ އިން ކާބޯތަކެތި އުފައްދާ ޑެލިވަރީ ކުރާ 3 މީހަކު އަތުލައިގެން
  • 16 މާޗް - މާލޭގައި ހިންގަމުން ދިޔަ މާރުކޭޓަކުން އެކަކު އަތުލައިގެން
  • 22 މާޗް - މާލޭ ހީނާމާގޭ ޕާކިން ސަރަހައްދުން 5 މީހަކު އަތުލައިގެން

ހައްލެއް ހޯދިފައި ނުވާ ބިދޭސީންގެ މައްސަލައަށް ހައްލެއް ހޯދުމަށް މި ސަރުކާރުން ފެށި މަސައްކަތުގެ ތެރެއިން ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންނަށް ފިޔަވަޅު އަޅައި އެފަދަ ބިދޭސީން ޑީޕޯޓް ކުރުމުގެ ތެރއިން މިދޔަ އަހަރު ވަނީ 5012 ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލާފައެވެ. މިއަހަރު މިހަތާނަށް އައި އިރު މި އަދަދު ވަނީ 6992 އަށް އަރާފައެވެ. ސަރުކާރުން ބުނާ ގޮތުގައި މިއީ މީގެ ކުރީ 5 އަހަރުތެރޭ، 2018 އިން 2023 އާ ދެމެދު ބިދޭސީން ފުރުވާލި މިންވަރަށް ބާލާއިރު 263 ޕަސެންޓް އިތުރު އަދަދެކެވެ.

މިހާތަނަށް 6992 ބިދޭސީން ފުރުވާލާފައިވާ އިރު، މިހާތަނަށް 5000 އަށް ވުރެ ގިނަ ބިދޭސީން ރެގިއުލަރައިޒް ކުރެވިފައެއެވެ. އަދި މި ވީ އެއް އަހަރުގެ މުއްދަތުގެ ތެރޭގައި އިނގިލީގެ ނިޝާން އަދި ފޭޝަލް ރެކޮގްނިޝަންއަށް ބޭނުންވާ ފޮޓޯ ނަގައި 150،000 ބިދޭސީ މަސައްކަތްތެރިންގެ ބަޔޯމެޓްރީކް ޑޭޓާބޭސް ވަނީ ނަގާފައެވެ.