ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭންސީންގެ ތެރެއިން ގަވާއިދާ ހިލާފަށް އުޅޭ 6992 ބިދޭސީން ޑީޕޯޓްކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ރައިސް އޮފީހުގައި ކުރިއަށް ދިޔަ ނުސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، މިދިޔަ އަހަރުގެ މެއި މަހުގެ 2 ވަނަ ދުވަހު ބިދޭސީންގެ މައުލޫމާތު އެއް ކުރުމަށް ފެށި މަސައްކަތް މިއަދާ ހަމަޔަށް އައި އިރު، 150،000 ބިދޭސީ މަސައްކަތްތެރިންގެ އިނގިލީގެ ނިޝާން އަދި ފޭޝަލް ރެކޮގްނިޝަންއަށް ބޭނުންވާ ފޮޓޯ ނަގައި ޑޭޓާބޭސް ވަނީ އަދާ ހަމަކުރެވިފައި ކަމަށެވެ. މިއީ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ކުރަން ޖެހޭ އެންމެ ފުރަތަމަ ކަން ކަމަށާއި އެ މީހުން އުޅޭ ތަން ދެނެނުގަނެވި އެ މައްސަލަ ހައްލު ނުކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އިމިގްރެޝަނުންނާއި ފުލުހުން ގުޅިގެން ހިންގަމުން ދިޔަ ބިދޭސީންގެ ރެއިޑް އޮޕަރޭޝަންތަކުން އަތުލައިގެންފައިވާ ބިދޭސީންތަކުގެ ތެރެއިން މިހާތަނަށް 6،992 ބިދޭސީން ވަނީ އެމީހުންގެ ގައުމަށް ފޮނުވާލާފައި ކަމަށް ރައީސް ވިދާޅުވިއެވެ. މިއީ މީގެ ކުރީ 5 އަހަރުތެރޭ. 2018 އިން 2023 އާ ދެމެދު ބިދޭސީން ފުރުވާލި މިންވަރަށް ބާލާއިރު 263 ޕަސެންޓް އިތުރު އަދަދެއް ކަމަށް ރައިސް ވިދާޅުވިއެވެ
6992 ބިދޭސީން ފުރުވާލާފައިވާ އިރު، މިހާތަނަށް 5000 އަށް ވުރެ ގިނަ ބިދޭސީން ރެގިއުލަރައިޒް ކުރެވިފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ހައްލެއް ހޯދިފައި ނުވާ ބިދޭސީންގެ މައްސަލައަށް ހައްލެއް ހޯދުމަށް މި ސަރުކާރުން ފެށި މަސައްކަތުގެ ތެރެއިން ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންނަށް ފިޔަވަޅު އަޅައި އެފަދަ ބިދޭސީން ޑީޕޯޓް ކުރުމުގެ ތެރއިން މިދޔަ އަހަރު ވަނީ 5012 ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލާފައެވެ. މި މަސައްކަތުގައި މި އަހަރުގެ އަމާޒަކީ އެ އަދަދު ދެގުނަ ކުރުން ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
އެގޮތުން މީހުން ފުރުވާލުމުގެ މަސައްކަތާއި ރެއިޑު އޮޕްރޭޝަންތައް އަވަސް ކޮށް، މާލޭގައި ހިންގާ އޮޕަރޭޝަންގެ އިތުރުން މީހުން ދިރިއުޅޭ އެހެން ރަށްރަށާއި ރިސޯޓުތަކާއި ސިނާއީ ރަށްތަކާއި ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކުގައި ދިރިއުޅޭ ބިދޭސީންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.