ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދުގެ އަރިހަށް، މެކް ފައުންޑޭޝަންގެ ބޯޑް އޮފް ޓްރަސްޓީސްގެ ޗެއާމަން އަދި އީ. މެކް ކޭޖީ ގެ އެގްޒެކެޓިވް ބޯޑުގެ ޗެއާމަން ޕްރޮފެސާ ޑރ. ފްރޭންކް ސްޓަންގެންބާގް ހަވާކެމްޕް އާއި މެކް ފައުންޑޭޝަންގެ ޗީފް އެގްޒެކެޓިވް އޮފިސާ ސެނެޓާ ޑރ. ރަޝާ ކެލެޖް، ޒިޔާރަތްކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި ޕްރޮފެސާ ޑރ. ސްޓަންގެންބާގް ހަވާކެމްޕް އާއި ސެނެޓާ ޑރ. ކެލެޖް ވަނީ، މެކް ފައުންޑޭޝަން މެދުވެރިވެގެން ދިވެހިރާއްޖޭގެ ސިއްހީ ދާއިރާ އިތުރަށް ކުރިއެރުވުމަށް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނާއެކު ކުރެވިދާނޭ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

އެގޮތުން ވަކި ދާއިރާތަކުން ހާއްސަވުމަށް ޑޮކްޓަރުން ހޯދަންޖެހޭ ތަމްރީނުގެ ފުރުސަތުތައް ފަހިކޮށްދިނުމާއި، ސްކޮލަޝިޕްގެ ފުރުސަތުތަކާ ބެހޭގޮތުން މި ބައްދަލުވުމުގައި މަޝްވަރާކުރައްވާފައިވެއެވެ. މި މަޝްވަރާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، ރާއްޖޭގެ ސިއްހީ ދާއިރާއާ ގުޅުންހުރި މައުލޫމާތުތައް ހިއްސާކުރައްވައި ސިއްހީ ނިޒާމު ހަރުދަނާކުރެއްވުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ.

ބައްދަލުވުން ނިންމަވާލައްވަމުން މެކް ފައުންޑޭޝަނުގެ މަންދޫބުން ވަނީ، ރާއްޖޭގެ ސިއްހީ ދާއިރާގެ ގާބިލުކަން އިތުރުކޮށް، ދަރިމައިވުމާ ގުޅުންހުރި ކުށްހީތައް ނައްތާލައި އަންހެނުން ބާރުވެރިކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ކުރައްވާ މަސައްކަތްތަކުގެ އަގުވަޒަންކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ އަރިހަށް، މެރކް ފައުންޑޭޝަންގެ މަންދޫބުން ކުރެއްވި ޒިޔާރަތުގެ ތެރެއިން

އަދި އެކަމަނާ އަކީ މެކް ފައުންޑޭޝަންގެ "މޯ ދެން އަ މަދާ" ޕްރޮގްރާމުގެ އެންބެސެޑަރެއްކަންވެސް ފާހަގަކުރައްވާފައިވެއެވެ.

މި ޕްރޮގްރާމަކީ، ދަރިމައިވުމުގެ ސިއްހަތާ ގުޅުންހުރި ސިޔާސަތުތައް އެކުލަވާލުމުގައްޔާއި، އެކަމާ ގުޅުންހުރި ފަރުވާގެ ގާބިލުކަން އިތުރުކުރުމުގައްޔާއި، ދަރިމައިވުމާ ގުޅުންހުރި ކުށްހީތައް ނައްތާލުމުގައްޔާއި، ދަރިމައިވުމުގެ މައްސަލަތަކުން ރައްކާތެރިވުމާއި ދަރިންލިބުމުގައި ފިރިހެނުންނަށް ދިމާވާ މައްސަލަތަކާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި، އެފްރިކާ އަދި އޭޝިޔާގެ ފަރސްޓް ލޭޑީންނާއި އަންހެން އިސްވާރުންނާއެކު ހަރަކާތްތަކެއް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.