ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު، "އަންހެންވެރިންގެ ސައްލާ" މަސައްކަތު ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވައިފިއެވެ.

މި ރަސްމިއްޔާތު ކުރިއަށް ދިޔައީ މިއަދު ހެނދުނު އިސްރަށްވެހިންގެ ނާދީ ހޯލްގައެވެ.

"އަންހެންވެރިންގެ ސައްލާ" އަކީ އަންހެނުންގެ ތަރައްްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް ހާއްސަކޮށް، މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް އިން އިންތިޒާމުކޮށް ކުރިއަށް ގެންދާ މިފަދަ ފުރަތަމަ މަސައްކަތު ބައްދަލުވުމެވެ.

މި ސައްލާގައި މާލެ އަތޮޅާއި، އަރިއަތޮޅު އުތުރުބުރިއާއި، އަރިއަތޮޅު ދެކުނުބުރި އާއި، ފެލިދެއަތޮޅާއި، މުލަކަތޮޅު އަދި މާލޭ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެންބަރުން ހިމެނޭހެން 59 މެންބަރުން ބައިވެރިވެވަޑައިގަންނަވައެވެ.

ރައީށް އޮފީހުން ބުނީ، މި ސައްލާ ބޭއްވުމުގެ މަގްސަދަކީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމާ ބެހޭ ގާނޫނުގެ ދަށުން ސިޓީތަކާއި، ރަށްރަށުގައި އުފެދިފައިވާ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ހިންގުން ހަރުދަނާކުރުން ކަމަށާއި ކޮމިޓީތައް ބާރުވެރި ކުރުވުމެވެ. އެގޮތުން މި ބައްދަލުވުމުގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ކުރިމަތިވާ ގޮންޖެހުންތަކާއި އެކަންކަން ހައްލު ކުރުމަށް ކުރެވިދާނެ މަސައްކަތްތަކާއި، މާލީ ގޮތުން ކޮމިޓީތައް ބާރުވެރިކުރުމަށް ކުރެވިދާނެ ކަންކަމާއި، އަންހެނުން ބާރުވެރި ކުރުމަށް ކޮމެޓީތަކަށް ކުރެވިދާނެ ކަންކަމާއި، ގުޅޭގޮތުން ވެސް މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ސައްލާ ކުރިއަށްދާނީ މި މަހުގެ 29 އިން 30 އަށް މާލޭގައެވެ.