ގަވާއިދާ ހިލާފަށް މާލޭގައި އުޅެމުންދިޔަ އިތުރު ބިދޭސީންތަކެއް އަތުލައިގަނެފިއެވެ.

އިމިގްރޭޝަނުން ބުނީ، ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން ހޯދުމަށް ޓާސްކް ފޯސްއިން މެދުކެނޑުމެއްނެތި ކުރަމުންދާ މަސައްކަތުގެ ތެރެއިން، އިއްޔެ މާލޭގެ ޒިކުރާ މިސްކިތް އަދި ބޮނޑިބަތް ޕާކު ސަރަޙައްދުގައި ހަރަކާތްތެރިވަމުންދިޔަ ބިދޭސީން ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

އަދި އެ ސަރަހައްދުގައި އެވަގުތު ހަރަކާތްތެރިވި 35 މީހުން ބަލާ ފާސްކޮށް ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 13 ބިދޭސީއަކު ހައްޔަރުކޮށްފައިވާ ކަމަށް އިމިގްރޭޝަނުން މައުލޫމާތު ދިނެވެ.

މި ސަރަހައްދަކީ އާންމުންގެ ފަރާތުން އަބަދުވެސް ކަންބޮޑުވުން ފާޅުކުރަމުން އަންނަ ތަނެއްގެ ގޮތުގައި ފާހަގަކުރެވޭ ސަރަހައްދަކަށްވާއިރު ހައްލެއް ހޯދިފައި ނުވާ ބިދޭސީންގެ މައްސަލައަށް ހައްލެއް ހޯދުމަށް މި ސަރުކާރުން ފެށި މަސައްކަތުގެ ތެރެއިން ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންނަށް ފިޔަވަޅު އަޅައި އެފަދަ ބިދޭސީން އަންނަނީ ޑީޕޯޓް ކުރަމުންނެވެ.

އިއްޔެ މާލޭގައި ހިންގި އޮޕްރޭޝަންގެ ތެރެއިން

އެގޮތުން މިދިޔަ އަހަަރު ފެށީ މި އޮޕަރޭޝަންގައި ގަވާއިދާ ހިލާފަށް އުޅޭ 5،000 އަށްވުރެ ގިނަ ބިދޭސީން އަނބުރާ ގައުމަށް ވަނީ ފޮނުވާލާފައެވެ. އަދި މި މަސައްކަތުގައި މި އަހަރުގެ އަމާޒަކީ އެ އަދަދު ދެގުނަ ކުރުން ކަމަށް ސަރުކާރުން ބުނެއެވެ. އެގޮތުން މީހުން ފުރުވާލުމުގެ މަސައްކަތާއި ރެއިޑު އޮޕްރޭޝަންތައް އަވަސް ކޮށް، މަސައްކަތްތައް ފުޅާކުރުމުގެ ގޮތުން މި އަހަރު އަތޮޅު ތެރެއަށް ޒިޔާރަތްކޮށް ގަވާއިދާ ހިލާފަތް އުޅޭ ބިދޭސީން ދެނެގަތުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

އިމިގްރޭޝަނުން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވެސް މިފަދަ ހާއްސަ އޮޕަރޭޝަން ތައް ހިންގަމުންނެވެ. އެގޮތުން ދާދިފަހުން ރ. ދުވާފަރުގައި ހިންގި އޮޕަރޭޝަނެއްގައި 100 އަށްވުރެ ގިނަ ބިދޭސީން ބަލައިފާސްކޮށް، 51 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.