ހ. ހުޅުގަލީގައި ހިންގަމުން ދިޔަ ރެއިޑިއަސް ޕްރައިވެޓް ލިމިޓެޑްގެ އޮފީހުން ފުލުހުން އަތުލަތް 49،000 ސިނގިރޭޓް ފޮށި އަނބުރާ ދިނުމަށް ފުލުހުންގެ މައްޗަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

ކޯޓު އަމުރެއްގެ މިދިޔަ ޖެނުއަރީ މަހު އެ އޮފީސް ބަލައި ފާސްކޮށް ފުލުހުން ވަނީ ޖުމްލަ 103 ކާޑް ބޯޑު ފޮށިގަނޑު އަތުލައިގެންފައެވެ. އޭގެ ތެރޭގައި ދުންފަތް ހުރި ފޮށިގަނޑުތަކެއް އަތުލައިގެންފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން އަތުލައިގަތް ތަކެތި ހޯދުމަށް ރެއިޑިއަސްގެ ފަރާތުން ކްރިމިނަލް ވަނީ މައްސަލަ ހުށަހަޅާފައެވެ. ރެއިޑަސްއިން ބުނެފައި ވަނީ އެތަކެއްޗަކީ ނޮވެމްބަރު 13، 2024 ގައި ދުންފަތުގެ ބާވަތްތައް އުފެއްދުން މަނާކުރުމުގެ ކުރިން އުފައްދާފައިވާ ތަކެތި ކަމަށެވެ.

މި މައްސަލައިގައި ކްރިމިނަލް ކޯޓުން ވަނީ ރެއިޑިއަސްގެ މުދާތަކުގެ ތެރެއިން ހުސް ފޮށިތަކާއި ބޮކްސިން މެޝިންތައް އެއްވެސް ޝަރުތެއް ނެތި ދޫކުރުމަށް ފުލުހުންގެ މައްޗަށް އަމުރު ކޮށްފައެވެ. އެހެން ނަމަވެސް ފުލުހުން އަތުލައިގަތް ސިނގިރޭތާއި ދުންފަތް ދޫކުރުމަށް ކޯޓުން ވަނީ ބައެއް ޝަރުތުތައް ކަނޑައަޅާފައެވެ،

އެ ޝަރުތުތަކަކީ:

  • މުދާ ދޫކުރެވޭ ހާލަތުގައި ހިފެހެއްޓިފައިވާ މުދަލުގެ ފޮރެންސިކް ތަހުލީލު ހެދުމަށް ބޭނުންވާ ސާމްޕަލް ނެގުމަށް ފުލުހުންނަށް އެއްބާރުލުން ދިނުމަށް
  • ހިފެހެއްޓިފައިވާ މުދާ ވިއްކުމަށް ދައުލަތުގެ ކަމާ ބެހޭ އިދާރާތަކުން ހޯދަން ޖެހޭ ހުއްދަ / ލައިންސެންސް ހޯދުމަށް ފަހު ފުލުހުންގެ ހިދުމަތަށް ހުށަހެޅުމުން މުދާ ދޫކުރުމަށް
  • މުދާ ދޫކުރާ ހާލަތުގައި ގާނޫނާ ހިލާފު އެއްވެސް އަމަލެއް ނުކުރުމަށް
  • މުދާ ދޫކުރެވެންދެން ނުވަތަ މުދަލާ މެދު ވަކި ގޮތަކަށް އަމަލު ކުރެވެންދެން މުދަލުގެ އަގު ނުގެއްލޭނެހެން ރައްކާތެރިކަމާ އެކު ބެހެއްޓުމަށް ފުލުހުންގެ މައްޗަށް އެންގުމަށް

ފުލުހުން އަތުލައިގެންފައިވާ ހުސްފޮށިތަކާއި ބޮކް މެޝިން 3 ދުވަހުގެ ތެރޭގައި ރެއިޑިއަސްއަށް ދޫކުރުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. އަދި ސިނގިރޭޓާއި ދުންފަތް ވިއްކުމަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ހޯދަންޖެހޭ ހުއްދަ ނުވަތަ ލައިސެންސް ހޯދުމަށްފަހު ފުލުހުންނަށް ހުށަހަޅާ ތާރީހުން ފެށިގެން ރަސްމީ މަސައްކަތު 5 ދުވަހުގެ ތެރޭގައި އެ ތަކެތި ދޫކުރުމަށް ކްރިމިނަލް ކޯޓުގެ ހުކުގައިވެއެވެ.

މީގެއިތުރުން މުދާދޫކުރެވެންދެން ނުވަތަ މުދަލާމެދު ވަކި ގޮތަކަށް އަމަލުކުރެވެންދެން މުދާ ރައްކާތެރިކަމާއެކު ބެލެހެއްޓުމަށް ވެސް ކްރިމިނަލް ކޯޓޫން ވަނީ ފުލުހުންގެ މައްޗަށް ހުކުމްކޮށްފައެވެ.