ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ވެއްޓުނު ހާދިސާއާއި ގުޅިގެން އޭނާއާއެކު އުޅުނު އުމުރުން 21 އަހަރުގެ ރައުދު އަހްމަދު ޒިލާލް ހައްޔަރުކޮށްފިއެވެ.

މީޑިއާއަށް ފުލުހުން ދާދި ދެންމެ އަކު ފޮނުވި މެސެޖެއްގައި ބުނެފައި ވަނީ އޭޕްރީލް 18 ވަނަ ދުވަހު ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނު މައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގަ ދަށުން މާލެ، ގ. އެރިޔަދޫ ރައުދު އަހުމަދު ޒިލާލް މިއަދު 18:20 އެހާކަންހާއިރު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ ރައުދާއި، ޔުމްނު ހިމެނޭހެން 7 ފަރާތެއްގެ ފޯނު ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓާފައިވާ ކަމަށެވެ.

މީގެއިތުރުން މި މައްސަލައާއި ގުޅިގެން މާންދޫގެ ޓެރެސްއާއި 2 ވަނަ އަދި 4 ވަނަ ފަންގިފިލާގެ އިތުރުން ކަށިވެލިގެ 3 ވަނަ ފަންގިފިލާވެސް ބަލާ ފާސްކޮށްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިހާދިސާގައި ހިމެނޭ އަނެއް 7 މީހުންގެ ތެރޭގައި ހިމެނޭ ދެ އަންހެނުންނަކީ:

  • އާއިޝަތު ލަޔާލީ އިގްބާލް، ގ. ނޯތުބްރީޒް، ކ. މާލެ (22އ)
  • އާމިނަތު ޖުނައިނާ ޖަމްޝީދު، ހ. ތިލަފަޅު (24 އ)

މި ހާދިސާގައި ހިމެނޭ 5 ފިރިހެނުންނަކީ:

  • އިޒްދިޔާން މުހައްމަދު މައުމޫން، މއ. މާންދޫގޭ ދެކުނުގެ (28އ)
  • ޔޫސުފް ޔައްސާރު އަބްދުލްޣަފޫރު، ހ. މީނާޒް (28އ)
  • ހުސައިން ހަމީސް އަލީ، ނ. ވެލިދޫ (28އ)
  • އިޖާޒް ޖާއިޒް، މާތޮޑާއަވަށް، އޭޕްރީލް، ގދ. ފަރެސްމާތޮޑާ (24އ)
  • ޔޫސުފް އަހްމަދު އަކްރަމް، މއ. މާންދޫގެ ދެކުނުގެ (24އ)

މިއަދު ފުލުހުން ބޭއްވި ނޫސްކޮންފެރެންސްގައި ވަނީ ސީސީޓީވީ ފުޓޭޖު ދައްކާލާފައެވެ. މި ހާދިސާ ހިނގި ގޭ ހ. ފެންޓެނޯއީ ގެއިން ނަގާފައިވާ ސީސީޓީވީ ފުޓޭޖުން ފެންނަ މަންޒަރުތަކުން ޔުމްނު ލައިގެން ހުންނަ ޓީޝާޓް ބޭލުމަށް ފަހު ރައުދު ލައިގެން ހުރި ޓީޝާޓް ބާލައި އެ ޔުމްނު ލާ މަންޒަރު ފެނެއެވެ. އެ ޓީޝާޓް ވެސް ވަނީ ޑިއެންއޭ ސާމްޕަލް ނެގުމަށް ލެބަށް ގެންގޮސްފައި ކަމަށް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލް ނަވީން ވަނީ ވިދާޅުވެފައެވެ.

މި ބައްދަލުވުން ފެށުމާ ގާތްވެފައި ވަނީ ކޮށް މި ކޭސް އާ ގުޅުން ހުރި ބަޔަކަށް ވަނީ ފިޔަވަޅު ވެސް އަޅާފައެވެ. އެގޮތުން ރައީސް އޮފީހުގެ އަންޑަ ސެކްރެޓެރީ ފޮ ސްޓްރެޓެޖިކް ކޮމިޔުނިކޭޝަން މަގާމުގައި ހުންނެވި އިޒްދިޔާން މުހައްމަދު މައުމޫން، އެ މަގާމުން ވަނީ ވަކިކޮށްފައެވެ. އަދި ސެކްރެޓެރީ ފޮ ޑިޖިޓަލް ސްޓްރެޓެޖީގެ މަގާމުގައި ހުންނެވި ދާއޫދު އަހްމަދު ވެސް މުސާރަ ނުލިބޭ ގޮތަށް މިއަދުން ފެށިގެން އެ މަގާމުން ވަނީ ސަސްޕެންޑް ކޮށްފައެވެ.

މި މައްސަލައާ ގުޅިގެން ރޭ ހެންވޭރު ޕޮލިސް ސްޓޭޝަން ކުރިމައްޗަށް ގިނަ އަދަދެއްގެ ޒުވާނުން އެއްވެ ވަނީ އިހުތިޖާޖެއް ވެސް ހިންގާފައެވެ. އެ ޒުވާނުންގެ ކަންބޮޑުވުންތަކުގެ ތެރޭގައި ވަކި ބަޔަކަށް ވަކި ގޮތަކަށް ފުލުހުން އަމަލު ކުރާ ކަމާއި މި ކޭސްގައި ބައިވަރު ކަންކަން ފޮރުވަން މަސައްކަތް ކުރާ ކަމަށް ބުނެފައި ވެއެވެ. ވެއްޓުނު އަންހެން މީހާ މަރުވާން ދޫކޮށްލާފައި އެ ފިރިހެން މީހާ ދިއުމަކީ އޭނާ ހައްޔަރު ކުރަން ޖެހޭ ކަމެއް ކަމަށް ވެސް ބުނެފައި ވެއެވެ.