ސަރުކާރު ކުންފުނިތަކުގެ ޗީފް ފައިނޭންޝަލް އޮފިސަރުން (ސީއެފްއޯ) އަދި ޗީފް އިންޓާނަލް އޮޑިޓަރުން (ސީއައިއޭ) އައްޔަންކުރުމަށް އާ "މިނިމަމް ރިކުއާމެންޓް" އުސޫލެއް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ) އިން މިއަދު އާންމުކޮށްފިއެވެ.

ޕީސީބީ އިން އާންމުކޮށްފައިވާ ސާކިއުލާގައި ވާގޮތުން މިއީ ސީއެފްއޯ އަދި ސީއައިއޭ އައްޔަންކުރުމާއި ވަކިކުރުމުގައި އަމަލުކުރާނެ ގޮތުގެ އަސާސީ އުސޫލުތައް ކަނޑައެޅުމަށާއި، މި މަގާމުތަކަށް މީހުން ހޯދުމުގައި ދިމާވާ ދަތިތަކަށް ރިއާޔަތްކޮށް ވީހާވެސް ގިނަ ފަރާތްތަކަށް މި މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން އެކުލަވާލާފައިވާ އުސޫލެކެވެ.

ސީއެފްއޯއަކީ ކުންފުނީގެ މާލީ ކަންކަމާއި އިސްތިރާޖުތައް ބެލެހެއްޓުމުގެ ޒިންމާ އުފުލަންޖެހޭ ކުންފުނީގެ އެގްޒެކެޓިވް މަގާމެއްއަދާކުރާ ފަރާތަކަށްވާއިރު ސީއައިއޭ އަކީ އިންޓާނަލް އޮޑިޓްގެ މަސައްކަތްތައް ބެލެހެއްޓުމުގެ ޒިންމާ އުފުލާ ފަރާތެވެ. ޕީސީބީ އިން ބުނީ މި މަގާމުތަކަށް ކިޔަވައިން ހުރި ގާބިލު ތަޖުރިބާ ފަރާތްތަކެއް އައްޔަންކުރުމާއެކު ކުންފުނީގެ ހިއްސާދާރުންނަށް އަދި މަސްލަހަތުވެރިންނަށް ޖަވާބުދާރީވެވޭނެ ފަދަ ފަރާތްތަކެއް އައްޔަން ކުރުމަކީ މި އުސޫލުގެ އެއް މަގުސަދު ކަމަށެވެ.

ޕީސީބީ އިން ބުނީ މި އުސޫލުތައް ހިނގާނީ ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާވާ ކުންފުނިތަކަށްކަމަށާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ލިސްޓެޑް ކުންފުނިތަުގެ އިތުރުން ސަރުކާރު މެޖޯރިޓީ ހިއްސާވާ ކުންފުނިތަކަށް ކަމަށެވެ. އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ލިސްޓުނުކުރާ ކުންފުނިތަކަށްވެސް މި އުސޫލު ހިނގާނެ ކަމަށް ޕީސީބީ އިން ވަނީ ބުނެފައެވެ.

ޕީސީބީ އިން ބުނީ އުސޫލާ ހިލާފަށް އަދި ކުންފުނީގެ އެޗްއާރް ޕޮލިސީއާ ހިލާފަށް ސީއެފްއޯ ނުވަތަ ސީއައިއޭ މަގާމަށް އެއްވެސް ފަރާތެއް އައްޔަނުކޮށްފައިވާނަމަ އެ ފަރާތްތަކުން މަގާމުން ދުރުކުރެވޭނެ ކަމަށެވެ. މީގެއިތުރުން އާ އުސޫލަށް އަމަލުކުރަން ފެށުމުގެ ކުރިން އައްޔަނުކޮށްފައިވާ ފަރާތެއްނަމަ، އެ ފަރާތެއްގެ ކިޔެވުމުގެ ޕްރޮގްރެސް ކުންފުނީގެ އެޗްއާރްއިން ބަލައި، ދެ އަހަރު ދުވަހުގެ ތެރޭ ތައުލީމީ ޝަރުތު ފުރިހަމަކުރުމަށް އެދެވޭ ފެންވަރެއްގެ މަސައްކަތެއް ނުކުރެވޭ ކަމަށް ފެނިއްޖެނަމަވެސް މަގާމުން ދުރުކުރެވޭނެ ކަމަށް ޕީސީބީ އިން ވަނީ ބުނެފައެވެ.

އެއާއެކު ޕީސީބީ އިން ބުނީ މި ހާލަތްތައް ފިޔަވާ އިތުރު ކަމެއް މެދުވެރިވެއްޖެ ނަމަ ދެން ގޮތެއް ނިންމާނީ ކުންފުނީގެ ބޯޑުން ކަމަށެވެ.