އަންނަމަހު 9 ރަށެއްގައި ގުރުއާން ހިތުދަސްކޮށްދިނުމުގެ މަޝްރޫއު ފަށާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޝަހީމް ވިދާޅުވީ އަތޮޅުތަކުގައި އިސްލާމީ މަރުކަޒު ގާއިމުވެފައިވާ ތަންތަނާއި މަރުކަޒުތައް ގާއިމުކުރެވެމުންދާ ތަންތަނާއި ބޮޑެތި އާބާދީތަކުގައި ގުރުއާން ހިތުދަސްކުރުމުގެ މަޝްރޫއު އަންނަ މަހުން ފެށިގެން ކުރިއަށްދާނެ ކަމަށެވެ.

ގުރުއާން ހިތުދަސްކުރުމުގެ މަޝްރޫއު ކުރިއަށްގެންދެވޭނެ ރަށްތައް:

  1. ހއ. ދިއްދޫ
  2. ބ. އޭދަފުށި
  3. ދ. ކުޑަހުވަދޫ
  4. އއ. ފެރިދޫ
  5. ރ. އުނގުފާފު
  6. ހދ. ކުޅުދުއްފުށި
  7. ގދ ތިނަދޫ
  8. ސ. ހިތަދޫ
  9. ލ. ގަން

މީގެ އިތުރުން ގުރުއާން ކިޔަވައިދިނުމުގެ ދަތިތައް ހުރި ރަށްތަކާއި ގުރުއާން މަރުކަޒުގެ ގޮފިތައް އަހަރުތަކެއް ވަންދެން ހުއްޓިފައި ހުރި ރަށްތަކާއި އަލަށް ގުރުއާން ކިޔަވައިދިނުމާއި މަރުކަޒްގެ ގާރީ ކޯސްތައް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ޝަހީމް ވަނީ ވިދާޅުވެފައެވެ. އަދި އަންނަ މަހުން ފެށިގެން މަރުކަޒުން މުސާރަ ދޭ ގޮތައް މަރުކަޒުގެ ގޮފިތަކުގައި ޓީޗަރުން ހަމަޖެހިގެންދާނެ ކަމަށް ޝަހީމް ވިދާޅުވިއެވެ.

އެގޮތުން ރ. މަޑުއްވަރީ، ނ. ވެލިދޫ، ތ. ކިނބިދޫ، ތ. ގުރައިދޫ. ގދ. ގައްދޫ، ލ. އިސްދޫކަލައިދޫ ހއ. އުތީމު އަދި ދ. މީދޫގައި ގުރުއާން މަރުކަޒުގެ ގޮފިތަކަށް، ގުރުއާން މަރުކަޒުން ގުރުއާން ޓީޗަރު އަންނަ މަހުން ފެށިގެން ހަމަޖެހިގެންދާނެ ކަމަށް ޝަހީމް ވަނީ ވިދާޅުވެފައެވެ. ޝަހީމް ވިދާޅުވީ ފުވައްމުލައް ސިޓީގެ ގުރުއާން މަރުކަޒަށް، އެ މަރުކަޒް ހިންގާނެ ކޯޑިނޭޓަރަކާއި އިދާރީ މުވައްޒަފުން ވެސް ހަމަޖެހިގެންދާނެ ކަމަށެވެ.