އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކުރުމާ، ގުޅިގެން މޯލްޑިވްސް އިމިގްރޭޝަނުން ޓްރެވަލް އެޑްވައިޒަރީއެއް ނެރެ އެކަން ރަސްމީކޮށް އާންމުކޮށްފިއެވެ.
އިސްރާއީލުގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކުރުމަށް އިމިގްރޭޝަންގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހު އިއްޔެ ރައީސް ތަސްދީގުކުރައްވާފައިވާއިރު، މިކަމާއި ގުޅިގެން އިމިގްރޭޝަނުން ވަނީ ޓްރެވެލް އެޑްވައިޒަރީ ނެރެފައެވެ.
މި އެޑްވައިޒަރީގައިވާ ގޮތުން އެޕްރީލްމަހުގެ 15، 2025 ވަނަ ދުވަހުން ފެށިގެން އިޒްރާއީލުގެ ޕާސްޕޯޓުގައި ދިވެހިރާއްޖެއަށް އެއްވެސް މީހަކު އައުމަކީ މަނާކަމެއްކަމަށް ވަނީ ބަޔާންކުރައްވާފައެވެ. އިޒްރޭލުގެ ޕާސްޕޯޓު މަނާކުރުމަށް ރާއްޖެއިން ނިންމި ނިންމުމާއިގުޅިގެން ބައިނަލްއަގުވާމީ މީޑިއާތަކުގެ ސަމާލުކަމަށް މިކަންވަނީ އައިސްފައެވެ.
އިމިގްރޭޝަން ގާނޫނަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ހުށަހެޅުއްވި އިސްލާހުގެ މަސައްކަތް ގިނަ ދުވަސްތަކެއް ވަންދެން ނުކޮށް އޮތުމަށް ފަހު، އަދި އިސްލާހުގެ މަސައްކަތް ދެ ފަހަރެެއްގެ މަތިން ދަންމާލުމަށް ފަހު ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ވަނީ އިސްލާހަށް ބައެއް ބަދަލު ގެނެސް އިއްޔެ ފާސްކޮށްފައެވެ.