ގދ. ފިޔޯރީ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމައްޓަކައި އެ ރަށުގައި ހާއްސަ ރަސްމިއްޔާތެއް ބާއްވައިފިއެވެ.
މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ފިޔޯރީ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައި ދެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބް އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ ޕލކ (އެމްޓީސީސީ) ގެ މެނޭޖިން ޑިރެކްޓަރު ޑީސީޕީ (ރިޓަޔާޑް) އަހުމަދު ސައުދެވެ،
މި ރަސްމިއްޔާތުގައި ރައްޔިޔުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދު، އަދި ގދ. ފިޔޯރީ ކައުންސިލްގެ ނައިބު ރައީސް އައިމިނަތު އައިވީނާ ވަނީ ބައިވެރިވެވަޑައިގެނފައެވެ.
38,919,969.72 ރުފިޔާގެ މި މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކަކީ އާ ބަނދަރު ފުން ކުރުމާއި، ބަނދަރަށް ވަންނަ ނެރު ފުން ކުރުމާއި، ރޭމްޕްލުމާއި، ބެކްފިލް ކުރުމާއި، ރިވެޓްމެންޓް ޖެހުމެވެ. ހަމައެއާއެކު އެއްގަމު ތޮށި ޖެހުމާއި، މަގު ބައްތި ޖެހުމާއި، ނެރު ބައްތި ޖެހުމާއި، މޫރިންގް ރިންގްސް ހަރުކުރުން ހިމެނެއެވެ.