ރާއްޖޭގައި ބައިނަލްއަގުވާމީ ސްވިމިން ޕޫލް ހެދުމަކީ ލިބޭ ފަހުރެއް ކަމަށް ޗަމްޕާ ހުސައިން އަފީފް ވިދާޅުވެއްޖެއެވެ.

ހުސައިން އަފީފް މިފަދައިން ވިދާޅުވީ އެ ޕޫލްގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތަށްފަހު ދައުލަތުގެ މީޑީއާ ޕީއެސްއެމްއަށް ދެއްވި އިންޓަވިއެއްގައެވެ.

ހުސައިން އަފީފް ވިދާޅުވީ ސްވިމިން ޕޫލެއް ގާއިމްކޮށްދިނުމަށް އެއްބަސްވެވަޑައިގެންފައި ވަނީ ސްވިމިން އެސޯސިއޭޝަންގެ ރައީސް މުހައްމަދު އަބްދުލް ސައްތާރު (ޗަމްޕީ)ގެ އެދިވަޑައިގަތުމަކަށް ކަމަށެވެ.

ބައިނަލްއަގްވާމީ ސްވިމިން ޕޫލެއް ރާއްޖޭގައި ހެދުމަކީ ރާއްޖެއަށް ލިބޭ ވަރަށް ބޮޑު ފަހުރެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ހުސައިން އަފީފް ވިދާޅުވިއެވެ. އަދި މިފަދަ ވަސީލަތްތައް ގާއިމްކޮށް އިންޓަނޭޝަނަލް އޭޝިއަން ސްވިމިން ގޭމްސް ނުވަތަ އޮލިމްޕިކްސް ފަދަ މުބާރާތެއް ރާއްޖޭގައި ބޭއްވިއްޖެނަމަ އެއީ ވެސް ރާއްޖެއަށް ލިބޭ ވަރަށް ބޮޑު ފަހުރެއް ކަމުގައި އޭނާ ވިދާޅުވިއެވެ.

ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސް އިމާރާތާއި ޖެހިގެން އޮންނަ ބިމުގައި ގާއިމްކުރަމުން ހަތަރު ބުރިއަށް ގާއިމްކުރާ މި ސްވިމިން ނުވަތަ އެކުއެޓިކްސް ކޮމްޕްލެކްސްއަކީ ބައިނަލްއަގަވާމީ މިންގަނޑުތަކާ އެއްގޮތަށް ތައްޔާރުކުރާ ކޮމްޕްލެކްސްއެކެވެ. މި ކޮމްޕްލެކްސްގައި ފެތުމަށް ހާއްސަ ޕޫލަކާއި ޑައިވް ޕޫލެއްގެ އިތުރުން 1200 މީހުންނަށް ކުޅިބަލަން ތިބެވޭނެ އިންތިޒާމްތައް ވެސް ހުންނާނެއެވެ.

މީގެ އިތުރުން ޖިމަކާއި މަލްޓިޕާޕަސް ހޯލެއްގެ އިތުރުން ރެސްޓޯރަންޓްތަކާއި ކޮމްޕްލެކްސްގައި ހުންނަންޖެހޭ އެހެނިހެން ހިދުމަތްތައް ވެސް ހިމެނޭނެއެވެ.