ހުޅުމާލެ ފޭސް 2ގައި އެޅުމަށް ހަމަޖެހިފައިވާ ތެލެސީމިއާ ހޮސްޕިޓަލްގެ އަމަލީ މަސައްކަތް މި އަހަރު ފެށިގެންދާނެ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ނާޒިމް މިފަދައިން ވިދާޅުވެފައިވަނީ ފާއިތުވި 16 މަސްދުވަހު ހެލްތް ސެކްޓާ ކުރިއަށް ގެންދިއުމުގައި ކުރެވިފައިވާ މުހިންމު ކަންތައްތަކާއި ކުރިއަށް ރޭވިފައި ހުރި ކަންކަމުގެ މައުލޫމާތު ހިއްސާކުރެއްވުމަށް މިއަދު ބޭއްވި ނޭސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ. އެގޮތުން ނާޒިމް ވިދާޅުވީ އެއްބަސްވުމާ އެއްގޮތަށް ހޮސްޕިޓަލްގެ މަސައްކަތް ކުރިއަށްދާކަމަށާއި، ކުރެހުންތައް ފައިނަލްކުރުމުގެ މަސައްކަތްވެސް ކުރިއަށް ދާ ކަމަށެވެ.
މީގެއިތުރުން މިނިސްޓަރު ނާޒިމް ވިދާޅުވީ އަވަސް މުސްތަގުބަލެއްގައި ފެންވަރު ރަނގަޅު ހޮސްޕިޓަލެއް ތެލަސީމިއާ ގެ ފަރުވާ ހޯދާ ފަރާތްތަކަށް ލިބިގެންދާނެކަށެވެ.
ތެލެސީމިއާ ހޮސްޕިޓަލް އަޅަން މެލޭޝިއާގެ ކުންފުންޏަކާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުއެވެ. ތެލަސީމީއާ ހޮސްޕިޓަލް އިމާރާތްކުރުމަށް މާލީ އަދި ފަންނީ އެހީތެރިކަން ފޯރުކޮށްދޭން ހަމަޖެހިފައިވާ ސައިނޯމާ އިންޖީނިއަރިން އިންޑަސްޓްރީގެ ފަރާތުންނެވެ. ތެލަސީމިއާ ހޮސްޕިޓަލް އެޅުމަށް ހުޅުމާލެ ފޭސް 2އިން 72،000 އަކަފޫޓުގެ ބިން އެޗްޑީސީއިން ހަމަޖައްސައިދީފައިވާ ކަމަށް ހެލްތް މިނިސްޓްރީއިން ވަނީ މީގެކުރިން ބުނެފައެވެ.
ތެެލެސީމިއާ ކުދިންނަށް ހާއްސަ ހޮސްޕިޓަލެއް އެޅުމާއި އެ ކުދިންނަށް ބޯންމެރޯޓްރާންސްޕްލާންޓް ހެދޭނެ މަގުފަހިކޮށްދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.