ހދ. ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގެ ބަންދުގައި ހުއްޓާ އަމިއްލައަށް މަރުވާން މަސައްކަތް ކުރުމުން ފަރުވާދެމުން ދިޔަ މިހާ ނިޔާވެއްޖެ އެވެ.

ކުޅުދުއްފުށި ޕޮލިސް ކަސްޓޯޑިއަލްގައި ހައްޔަރުކޮށްފައި ހުރި މީހަކު އަމިއްލައަށް މަރުވާން މަސައްކަތް ކޮށްފައި ވަނީ މި މަހުގެ 4 ވަނަ ދުވަހުއެވެ.

އެއީ މަސްތުގެ ހާލަތުގައި ގޭގެ މުދަލަށް ގެއްލުންދީ ހަމަނުޖެހުން ހިންގި މައްސަލައަކާ ގުލިގެން މި މަހުގެ 2 ވަނަ ދުވަހު ހައްޔަރުކުރި 34 އަހަރުގެ ފިރިހެނެކެވެ. އޭނާ އަމިއްލައަށް މަރުވާން މަސައްކަތް ކުރުމާއެކު އޭނާ ވަނީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށާފައެވެ.

އޭރުވެސް އޭނާގެ ހާލު ސީރިއަސް ކަމަށް އެ ހޮސްޕިޓަލާ ހަވާލާދީ ބުނެފައި ވެއެވެ.

އެ ހާދިސާ ގައި އަނިޔާވި މިހާއަށް ފަރުވާ ދެމުން ދަނިކޮށް ނިޔާވެފައިވަނީ މިއަދު މެންދުރު ފަހުގެ ވަގުތެއްގައެވެ. އަދި އެކަން ކުޅުދުއްފުށީ ހޮސްޕިޓަލުން ވަނީ ކަށަވަރުކޮށްދީފައެވެ.

ފުލުހުން ވަނީ މި ހާދިސާ ހިނގާފައިވާ ގޮތުގެ އެތެރޭގެ ތަހުގީގެއް ޕްރޮފެޝަނަލް ސްޓޭޑާޑްސް ކޮމާންޑުން ހާއްސަ އިސްކަމެއް ދީގެން ކުރިއަށް ގެންދާ ކަމަށް ބުނެފައެވެ. މީގެ އިތުރުން ވެސް ފުލުހުން ވަނީ އެކަމާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމާއެކު ކަމާ ބެހޭ މައުލޫމާތުތައް ހިއުމަން ރައިޓްސް ކޮމިޝަނާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނާ ވެސް ހިއްސާކޮށްފައެވެ.

ކުޅުދުއްފުށި ޕޮލިސް ސްޓޭޝަންގައި 2022 ވަނަ އަހަރު ވެސް މީހަކު އަމިއްލައަށް މަރުވެފައި ވެއެވެ. އޭރު މަރުވެފައި ވަނީ ހދ. ނޮޅިވަރަމްގައި އަނބިމީހާ މަރާލި ކަމަށް ތުހުމަތު ކުރެވުނު އދ. ފެންފުށި ރޯޒީ ވިލާ، އަބޫބަކުރު ފައިސަލް އެވެ.